ޓެކްނޯލޮޖީ

މައިކްރޮސޮފްޓް ޓީމްސް: މީޓިންތައް އޮޓަމެޓިކުން ރެކޯޑްކުރަނީ

މައިކްރޮސޮފްޓް ވީޑިއޯ ކޮންފަރެންސިން ސާވިސް، ޓީމްސްއަށް އާފީޗާއެއް އަންނަނީ އެވެ. ޓީމްސްގައި ހިމަނަން އުޅޭ ފީޗާއެއްގެ ސަބަބުން، މީޓިންއެއް ފަށާ ތަނުން އޮޓަމެޓިކުން ރެކޯޑް ކުރެވެން ފަށާނެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

މީޓިންތައް އޮޓަމެޓިކުން ރެކޯޑް ކުރަން އެދެންތޯ އެހުމަކީ ވާދަވެރި ވީޑިއޯ ކޮންފަރެންސިން ސޮފްޓްވެއާތަކުން ކުރާ ކަމެކެވެ. މިގޮތުން މައިކްރޮސޮފްޓަށް އެންމެ ބޮޑު ވާދަވެރިއަކީ ޒޫމް އެވެ. ވީޑިއޯ ކޮންފަރެންސިން ހިދުމަތެއް ގޮތުގައި ޒޫމް ތައާރުފުވިއިރު ވެސް މި ފީޗާ ހުރީ ހިމަނާފަ އެވެ.

މައިކްރޮސޮފްޓް ޓީމްސްގައި މި ފީޗާ އެންމެ ފުރަތަމަ ހިމަނާނެ ކަމަށް ވަނީ ވިންޑޯޒް އާއި މެކްއޯއެސްގަ އެވެ. މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކަށް އެއަށް ފަހު އެވެ.

މައިކްރޮސޮފްޓުން ބުނީ ވީޑިއޯ މީޓިންތައް އޮޓަމެޓިކުން ރެކޯޑް ކުރެވޭ ގޮތް ހެދުމަށް، ޓީމްސް ބޭނުންކުރާ ކުންފުނިތަކުން އަދި ވަކިވަކި ފަރުދުން ވެސް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑިވެލޮޕްމަންޓް ޓީމުން ކުރަން ހުރި މަސައްކަތްތައް ގިނަ ކަމުން ލަސްވީ ކަމަށެވެ.

މީޓިން ރެކޯޑް ކުރުމަށް ފަހު އާންމު އާދައަކީ މީޓިން ނިމުމުން ރެކޯޑްކުރެވިއްޖެކަން އަންގައި ދިނުމެވެ. އަދި ޑައުންލޯޑްކުރަން ފުރުސަތު ދިނުމެވެ. ޓީމްސްއަށް މި އަޕްޑޭޓް ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް މައިކްރޮސޮފްޓް ސޮފްޓްވެއާތަކަށް މަހަކު އެއްފަހަރު ކުދި އަޕްޑޭޓްތައް ފޮނުވަ އެވެ. އެހެންކަމުން ބެލެވެނީ މާލަސްތަކެއް ނުވާނެހެނެވެ.