އިންޑިއާގައި ކޮވިޑް-19 ގެ ބަލި ފެތުރެމުންދާތީ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބުން މަނާކޮށްފައިވަނިކޮށް ކ. ދިއްފުއްޓަށް އިންޑިއާގެ ޓޫރިސްޓުންތަކެއް ދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އިންޑިއާގެ ޓޫރިސްޓުން ދިއްފުއްޓަށް ދިޔަ ފަހުން މިއަދު އެ ރަށުން ވަނީ ކޮވިޑް ކޭސްތަކެއްވެސް ފެނިފައެވެ. މިހާތަނަށް 21 މީހަކު އެ ރަށުން ޕޮޒިޓިވްވެފައިވާ ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިއްޔެވެސް އިންޑިއާގެ ޓޫރިސްޓުންތަކެއް އެ ރަށަށް އައިސްފައިވާ ކަމަށާ އެ މީހުން އެތެރެވީ ކޮން ހުއްދައެއްގެ ދަށުން ކަމެއް ނޭންގޭ ކަމަށެވެ. އަދި އެ މީހުން މާސްކު ނާޅާ ރަށުތެރޭގައި އުޅެމުންދާ ކަމަށެވެ.
މިކަމާއި ގުޅިގެން މިރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ މަނާކޮށްފައި ވަނިކޮށް ދިއްފުއްޓަށް އިންޑިއާގެ ޓޫރިސްޓުންތަކެއް އެތެރެވި މައްސަލައެއް ސަމާލު ކަމަަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.
މަބުރޫކް ވިދާޅުވި ގޮތުގައި ފިޔަވަޅުތައް އަޅަން ފަށާއިރު އެފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާ އެކަން ބަލާނެ ކަމަށެވެ.
އިންޑިއާގައި ބަލި ފެތުރެމުންދާ ވަގުތެއްގައި އެ ގައުމުގެ ޓޫރިސްޓުން ޕީސީއާރު ޓެސްޓެއް ނެތި ރާއްޖެ އެތެރެވެވޭ ގޮތަށް އޮތުމާއެކު ގިނަ ބައެއްގެ ފާޑު ކިޔަމުންދަނިކޮށް އެޗްޕީއޭ އިން މިދިޔަ މަހުގެ 25 ވަނަ ދުވަހު ނެރުނު އެންގުމުގައި ބުނެފައި ވަނީ އިންޑިއާގައި 24 ގަޑިއިރަށް ވުރެ ގިނައިރު ޓްރާންސިޓް ވެފައި އަންނަ ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އިންޑިއާ ޓޫރިސްޓުން އައުން މަނާ ކޮށްފައިވެ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އުސޫލުގައިވާ ގޮތުން އިންޑިއާ އިން އަންނަ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކޮށްގެން އައިނަމަވެސް ޕީސީއާރް ހުށަހަޅަން ޖެހޭނެ އެވެ. ކުރިން އޮތީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފްތާ ވެފައިވާ ޓޫރިސްޓުންނަށް ޕީސީއާރް ނެގެޓިވް ރިޒަލްޓް ނެތި އެތެރެވެވޭ ގޮތަށެވެ.
މި އުސޫލުން އިސްތިސްނާވާނީ މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތަކެވެ.