ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަބްރޫކް އަޒީޒް

ބޯޑަރު ބަަންދުކޮށް، ލޮކްޑައުން ކުރަން ޖެހިއްޖެނަމަ ފަސްނުޖެހޭ: މަބުރޫކް

ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެއް ރައްކާތެރިކަމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ވެރިރަށް ލޮކްޑައުން ކުރަން ޖެހިއްޖެނަމަ އެކަންވެސް ސަރުކާރުން ކުރާނެ ކަމަށް ބުނެފި އެވެ.

ކޮވިޑްގެ ފިޔަވަޅުތައް އިއުލާނު ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާ ރައްޔިތުންގެ އެހީތެރިކަން ނެތި ނަަންބަރު ތިރި ނުކުރެވޭނެ ކަމަށެވެ.

ބުދަ ދުވަހުން ފެށިގެން 8 ފިޔަވަޅެއް އަޅަން ނިންމާފައިވާއިރު އެ ފިޔަވަޅުތަކާއެކު ކޮވިޑް ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިތުރު ފިޔަވަޅުތައްވެސް އަަޅަން ޖެހޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ގޮތުގައި ބެލެވޭ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި މާލެ ސިޓީ ލޮކްޑައުން ކުރަން ޖެހުނު ނަމަވެސް އެކަން ކުރާނެ ކަމަށެވެ.

"އަޅުގަނޑު ބުނިން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ވިޔަސް ގައުމަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވަން ވިޔަސް ލޮކްޑައުނަކަށް ދާން ވިޔަސް އެކަން ކަމަކީ ކުރަން ޖެހިއްޖެ ނަމަ ކުރަން ތައްޔާރަށް ތިބި ކަންކަމޭ،" މަބުރޫކް ވިދާޅުވިއެވެ.

މިރޭ އިއުލާނުކުރި ފިޔަވަޅުތައް

  • މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުން،
  • ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުން،
  • ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން،
  • މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު މަނާކުރުން،
  • ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން،
  • ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުން މަނާކުރުން،
  • ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން،
  • އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުން،
  • ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުން،
  • ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުން،

ކޮވިޑް ކޭސްތައް 300 އިން މަަތީގައި ހުންނަތާ ހަފްތާއެއް ވަނީ ވެފައެވެ. ގިނަ ދުވަސް ދުވަހު ޕޮޒިޓިވް އަދަދު ހުރީ 400 އިން މަތީގައެވެ. އިއްޔެ އާއި މިއަދު ވަނީ 500 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. މި އަހަރުގެ މިދިޔަ ހަތަރު މަސް ދުވަހު 17،000 ވުރެ ގިނަ މީހުން ވަނީ ބަލިޖެހިފައެވެ.

މި މަހުގެ ފުރަތަމަ ހަތަރު މަސް ނިމިގެންދިޔައިރު 22 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.