ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ނިންމާފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އީދު ބަންދާ ދިމާކޮށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުުރުމުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރޭގެ ނިޔަލަށް އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އަދި މިރޭވެސް ރައީސް ސޯލިހާއެކު ޓެގް ޓީމުން މަޝްވަރާ ބައްދަލްވުމެއް ބޭއްވި ކަމަށާ އެ ބައްދަލްވުމުގައި ނިންމި ކަންކަން ފަހުން ހާމަކުރާނެ ކަމަށެވެ. މަބުރޫކް ވިދާޅުވީ އިތުރު ފިޔަވަޅުތައް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ލޮކްޑައުން ކުރުން ކަމެއް ނުވަތަ ނޫން ކަމެއްވެސް ވިދާޅެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުން ކާފިއު ވަގުތު އިތުރުކަން ކަމާބެހޭ އިދާރާތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ލޮކްޑައުން ކުރަން ސަރުކާރުން ބޭނުންނުވާ ކަމަށް އެނގިފައިވެއެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ހަތް ގަޑިއިރުގެ ކާފިއުއެއް ދަނީ ހިންގަމުންނެވެ. އަދި ސުކޫލުތައް ބަންދުކޮށް ޕާކުތަކާއި މައިދާންތައް ވަނީ ބަންދުކޮށްފައެވެ. އަދި އެއްވުންތަކާއި ޖަލްސާތަކާއި ހަފްލާ ޕާޓީތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.