އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި، ފައިޒާއިން ވަރަށް ބޮޑު އެހީތެރި ކަމެއް އިންޑިއާއަށް ފޯރުކޮށް ދޭން ނިންމައިފި އެވެ. ކުންފުނީގެ ސީއީއޯ، އަލްބާޓް ބޫލާ ވިދާޅުވީ އިންޑިއާއަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި މަސައްކަތް އަވަސް ކުރެވެން ހުރި ގޮތްތަކާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގައި ކޮވިޑް ކޮންޓްރޯލްނުވެ މުޅި ގައުމުގެ ހާލަތު އޮތީ ހަރާބުވެފަ އެވެ. އަލްބާޓް ބޫލާ ވިދާޅުވީ އިންޑިއާގެ ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށާއި ފައިޒާ ވަނީ އިންޑިއާއާއެކު ކަމަށެވެ.
ފައިޒާއިން ބުނީ އިންޑިއާއަށް ދޭ އެހީއަކީ ކުންފުނީގެ ހަޔާތުގައި ވެސް ފޯރުކޮށް ދޭ އެންމެ ބޮޑު އިންސާނީ އެހީ ކަމަށާއި ކޮވިޑް ކޮންޓްރޯލްކޮށް ސަލާމަތް ވުމަށް އިންޑިއާއަށް ފޮނުވާ އިންޖެކްޝަނާއި ބޭހާއި އަދި އެހެނިހެން ތަކެތީގެ އަގު 70 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
އަލްބާޓް ބޫލާ ވިދާޅުވީ އެހީ ފޯރުކޮށް ދިނުން މިހާރު ކުރެވޭ މަސައްކަތްތަކަކީ އެމެރިކާ އާއި ޔޫރަޕް އަދި އޭޝިއާގައި ހުރި ފައިޒާ ގުދަންތަކުން ބޭސް ކޮންޓެއިނާތައް ބަންދު ކުރުން ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއަށް ފުދޭ ވަރަށް ވެކްސިން ލިބެން ނެތް މައްސަ އެނގިވަޑައިގެންފައިވާ ކަމަށާއި ބޮޑު ބަލިމަޑުކަމެއް ކޮންޓްރޯލް ކުރެވޭނީ އަތުގުޅާލައިގެން ކަމަށެވެ.
ފައިޒާ-ބަޔޮންޓެކް ވެކްސިނަށް އިންޑިއާއިން އަދި ހުއްދަ ނުދޭ ކަމަށާއި ސަރުކާރާއެކު ކުރާ މަޝްވަރާގައި މި ވާހަކަތައް ވެސް ހިމެނެ އެވެ. ބޫލާ ވިދާޅުވި ގޮތުން އުންމިދަކީ އިންޑިއާގައި އެ ވެކްސިން ބޭނުން ކުރަން ފެށުމެވެ. ފައިޒާއިން ކުރިން ހަމަޖައްސާފައި އޮތީ އެއްވެސް ފައިދާއެއް ނުލައި އިންޑިއާއަށް ވެކްސިން ސަޕްލައި ކޮށްދޭ ގޮތަށެވެ.