ޓޫރިސްޓް އެރައިވަލް

ހަތަރު މަހުން 396،983 ޓޫރިސްޓުން

May 4, 2021
1

މި އަހަރުގެ ވޭތުވެދިޔަ ހަތަރު މަސް ދުވަހުތެރޭ ރާއްޖެއަށް އައިސްފައި ވަނީ 396،983 ޓޫރިސްޓުން ކަމަށް ހިސާބުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު 92،103 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ފެބްރުއަރީ މަހު މި އަދަދު 96،682 އަށް އިތުރުވި އެވެ. އަދި މާޗު މަހު އައިސްފައި ވަނީ 109،585 އަށް އިތުރުވެފަ އެވެ. އަދި މިދިޔަ އެޕްރީލް މަހު އައިސްފައިވަނީ 91،200 ޓޫރިސްޓުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އައިސްފައިވާ 396،983 ޓޫރިސްޓުންނަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި 655،916 ޓޫރިސްޓުންނާ އަޅާ ބަލާއިރު 39.5 ޕަސެންޓުގެ ދަށް އަދަދެކެވެ. އަދި މިހާތަނަށް ޓޫރިސްޓުން އައި އަދަދު މިދިޔަ އަަހަރާ އަޅާ ނުކިޔޭނެ އެވެ. ސަބަބަކީ މިދިޔަ އަހަރުގެ މާޗް 26 އިން ފެށިގެން ޖުލައި 15 ގެ ނިޔަލަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާރު އެވްރެޖު ގޮތެއްގައި ރާއްޖެއަށް 3،325 ޓޫރިސްޓުން އާދެ އެވެ. އަދި މިހާރު އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި ތިބެނީ ނުވަ ދުވަހު އެވެ.

ރާއްޖެއަށް މި އަހަރުގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިންނެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި އިންޑިއާގައި ފެތުރެމުން ދިއުމާއެކު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ މަދުވަމުންނެވެ. އެހެންވެ މިހާރު އެންމެ ގިނައިން މީހުން އަންނަ އެއް ގައުމަަށް ރަޝިއާ ވަނީ ވެފަ އެވެ. މިހާރު އިންޑިއާ ޓޫރިސްޓުން ރާއްޖޭގެ ހިއްސާއަކީ 21.9 ޕަސެންޓެވެ. އަދި ރަޝިއާ މީހުންގެ ހިއްސާއަކީ 22.4 ޕަސެންޓެވެ.

ރާއްޖެއަށް މިދިޔަ އަހަރު އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. ނަމަވެސް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.