ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސްޓޮކް ކޮށްފައި ހުރި ވެކްސިންގެ އަދަދު މަދު: މަބްރޫކް

ކޮވިޑް-19 އިން ދިފާއު ވުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގައި ބޭނުން ކުރަން ރާއްޖޭގައި ހުރި ވެކްސިން ޑޯޒްގެ އަދަދު މަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އެކަން ހާމަކުރީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މަބްރޫކް ވިދާޅުވީ ވެކްސިންގެ ސްޓޮކް މަދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް ވެކްސިން ސްޓޮކް ކޮށްފައި ހުރި އަދަދު ހިއްސާއެއް ނުކުރެ އެވެ.

ކޮވިޑް ވެކްސިން ރައްކާކޮށްފައި ހުރި އަދަދު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށް މީގެ ކުރިން ވެސް މީޑިއާގައި ރިޕޯޓް ކުރި އެވެ. އެކަމަކު އެ ރިޕޯޓްތައް ސަރުކާރުން އޭރު ދޮގު ކޮށްފައިވެ އެވެ. އެހެން ކަމުން މިއީ ވެކްސިންގެ އަދަދު މަދުވެފައިވާ ކަމަށް ސަރުކާރުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޖަހާފައި ވަނީ އިންޑިއާގެ ކޮވިޝީލްޑެވެ. އެކަމަކު ކޮވިޑް-19 އިގެ ހާލަތު އިންޑިއާގައި ކުއްލިއަކަށް ވަރަށް ބޮޑަށް ގޯސްވެ، އެތައް ހާސް ބަޔަކު މަރުވަމުން ދާއިރު ރާއްޖެއަށް ބޭނުންވާ އަދަދަށް އިންޑިއާއިން ވެކްސިން ލިބޭނެ ކަމާ ދޭތެރޭ ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިއާއިން އެކި ގައުމުތަކަށް ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރި ނަމަވެސް އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ވެކްސިން ފޯރު ކޮށްދިނުން އެ ގައުމުން ވެސް މިވަގުތަށް ވަނީ ހުއްޓާލާފަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު މިދިޔަ ހަފުތާގައި ވަނީ ވެކްސިން ހުސްވެގެން ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ވެކްސިން ހޯދުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންކަމުން ވެކްސިން ހުސްނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެ އެވެ.

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުން ކުރަނީ ތިން ވެކްސިނެކެވެ. އެގޮތުން އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ދެވަނައަށް ދޭން ފެށީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެ ވެކްސިން ދޭން ފެށީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ތިންވަނަ އަށް ދޭން ފެށީ ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. އެ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރަސްމީކޮށް ދޭން ފެށީ މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 228،000 އަށް ވުރެ ގިނަ މީހުން ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާފަ އެވެ. ރާއްޖެއިން ވެކްސިނަށް އޯޑަރު ކޮށްފައެވެ. އެ ވެކްސިނެއް އަދި ނުލިބެ އެވެ.