މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ހިޔާގައި ރޯވުން ތަހުގީގުކޮށް އޮޑިޓެއް ހަދަން ގޮވާލައިފި

May 4, 2021
2

ކުޑަކުދިންގެ ހިޔާގައި މިއަދު އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި އެތަނުގައި އަލިފާން ނިއްވާލުމުގެ ނިޒާމު ގާއިމުކުރެވިފައި ހުރި ގޮތުގެ އޮޑިޓެއް ހެދުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ގޮވާލައިފި އެވެ.

އާކް އިން އެކަަމަށް ގޮވާލާފައި މިވަނީ ކުޑަކުދިންގެ ހިޔާގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގެ އެއް ކޮޓަރި އަނދާހުލިވެފައި ވަނިކޮށެވެ.

އާކް އިން ނެރުނު ބަޔާނުގައި ވަނީ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ކުރުމަށާއި އެތަނުގައި އަލިފާން ނިއްވާލުމުގެ ނިޒާމު ގާއިމުކުރެވިފައި ހުރި ގޮތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅާފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ގޮވާލާފަ އެވެ.

"ކުޑަކުދިންގެ ހިޔާގެ ސަލާމަތާއި އަދި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ސަރުކާރަށް ގޮވާލަމެވެ،" ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

މިއަދުގެ ހާދިސާ އަކީ ކުޑަކުދިންގެ ހިޔާގެ ތެރޭގައި ހުއްޓުމެއް ނެތި ހިނގަމުންދާ ނޭއްގާނީ ގިނަ މައްސަލަތަކެއްގެ ތެރެއަށް އިތުރުވި ކަމެއްގެ ގޮތުގައި އާކް އިން ދެކެވެ. އަދި އެ ހާދިސާ އަކީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ ތެރެއިން ހިޔާގައި ތިބޭ ކުދިންގެ ބޭނުންތަކަށް އަޅާނުލެވި، ވަސީލަތްތައް ބެލެހެއްޓުމުގައި ފެއިލްވުމުގެ ނަތީޖާ ކަމަށްވެސް ބުނެފައިވެ އެވެ.

"ތަފާތު އެކި މުނާސަބަތުތަކުގައި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް މި މައްސަލަތައް އާކް އިން ވަނީ ގެނެސްދީފައި،" ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޒަކީ އިސްވެ ހުންނަވައިގެން ހިންގާ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

އާކް އިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރާ ފަދައިން އެފަދަ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެހީތެރިން އަލިފާނުން ރައްކާތެރިވުމާ ގުޅޭ ތަމްރީންތައް ހެދުން މަޖުބޫރު ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ. މީގެއިތުރުން އަލިފާން ނިއްވާ ވަސީލަތްތައް ރަނގަޅަށް ބެލެހެއްޓުމާއި ރައްކާތެރިކަން ހޯދުމަށް ބޭނުންވާ ސާމާނު ތަނުގައި ހުރުން މުހިއްމު ކަމަށެވެ.

ކުޑަކުދިންނަށް އަމާޒުކޮށް ރެކްރިއޭޝަނަލް އަދި ތައުލީމީ ގިނަ ހަރަކާތްތަކެއް އެ ޖަމިއްޔާ އިން 2010 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކުޑަކުދިންގެ ހިޔާ ކަހަލަ މަރުކަޒުތަކުގައި ތިބޭ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށް އަލިފާނުން ރައްކާތެރިވާނެ ގޮތާއި، ފުރަތަމަ އެހީދޭނެ ގޮތުގެ ގިނަ ޕްރޮގްރާމުތަކެއް ހިންގާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ފަންގިފިލާގައި ކުދިން ތިބޭ ކޮޓަރިއެއްގައި މިއަދު ރޯވިއިރު އެތަނުގައި ތިން ކުދިން ތިއްބެވެ. އަލިފާން ނިއްވާލެވުނީ ސިފައިންގެ ފަޔަމަނުން އެތަނަށް ގޮސް ކުރި މަސައްކަތުންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކްޓިވް އޮފިސާ މުއުމިނާ އާދަމް ވިދާޅުވީ ކޮޓަރީގައި ހުޅު ރޯވީ ސިކުނޑީގައި އުނި ކަމެއް ހުންނަ ކުއްޖަކު ގެންގުޅުނު ލައިޓަރެއް ބޭނުން ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. ކުދިން ބަލަހައްޓަން މުވައްޒަފުން ތިބޭ އެތާނގެ ތެރެއަށް އެ ކުއްޖާއަށް ލައިޓަރު ވެއްދުނު ގޮތް އޭނާ ސާފުކޮށެއް ނުދެއްވަ އެވެ.

ސިފައިން މިއަދު އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާގައި ރޯވި ކޮޓަރީގައި ހުރި ފަރުނީޗަރާއި، މުދަލާއި އެހެނިހެން ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.

ދައުލަތަށް ނަގާފައިވާ ކުދިން ބައިތިއްބާ ހިޔާ އާއި ފިޔަވަތި ފަދަ ތަންތަނުގައި އިހުމާލުގެ ސަބަބުން ބޮޑެތި ހާދިސާތައް ހިނގަ އެވެ. އަދި ގިނަ ހާދިސާތައް ސިއްރު ކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އޮވެ އެވެ.