އެމްޕީއެލް އިން ކޮންޓެއިނާ ފެރީ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އަވަސް އަށް މިރޭ މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ކޮންޓެއިނާ ފެރީގެ ހިދުމަތަކީ އެމްޕީއެލް އިން ހިންގާ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އަތޮޅު ތެރެއަށް ގެންދިއުމަށް އަމާޒުކޮށްގެން ފަށާ ހިދުމަތެއް ކަމަށެވެ.
އެ ހިދުމަތް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ފެށުމަށް އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ. އަދި އެކަމަށް ހާއްސަކޮށްގެން ލޭންޑިން ކްރާފްޓެއް މިހާރު ވަނީ ހޯދާފަ އެވެ.
ހިދުމަތް ފަށައިގަންނައިރު ކޮންޓެއިނާ އުފަލަން ހަމަޖައްސާފައިވަނީ އަައްޑޫ ސިޓީގެ ހިތަދޫ ޕޯޓަށާއި ކުޅުދުއްފުށި ސިޓީގެ ޕޯޓަށެވެ.
"އަޅުގަނޑުމެންނަށް މިކަމަށް ތަރުހީބު ލިބޭ ވަރު ބަލާފައި އަދި ކޮންޓެއިނާ ލިބޭ އަދަދަށް ބަލާފައި މި ހިދުމަތް ފުޅާކުރަމުން ގެންދާނަން. މިކަމަށް އަޅުގަނޑުމެންގެ ހާއްސަ ޕްލޭނެއް އެބައޮތް. މިއީ ކުރެވޭނެ ކަމެއް ކަމަށް ވާނަމަ ހިދުމަތް ފުޅާކުރަމުން ދާނަން،" ހިދުމަތް އިތުރަށް ތަރައްގީ ކުރަން ވިސްނާ ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ކޮންޓެއިނާ ފެރީގެ ހިދުމަތް ދޭން ނިންމާފައިވަނީ ޝެޑިއުލް ކޮށްގެން ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގަ އެވެ.
ޝާހިދު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުން އަތޮޅުތަކަށް މުދާ ގެންދިއުމުގައި އަމިއްލަ ފަރާތްތަކުން ހަރަކާތްތެރިވާއިރު ފުދޭ ވަރެއްގެ ބޮޑު އަދަދެއް މުދާ ގެންދިއުމަށް ނަގާ ކަމަށެވެ. އެކަމަކު އެމްޕީއެލްގެ ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުމާ އެކު އަތޮޅުތަކަށް މުދާ ގެންދިއުމަށް ވިޔަފާރިވެރިން މިހާރު ކުރާ ހޭދަ ވަރަށް ބޮޑަށް ދަށްކުރެވޭނެ ކަމުގަ އެވެ. އޭރުން އަތޮޅުތަކުގައި މުދާ ގަންނަން ލިބޭ އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޝާހިދު އުއްމީދު ކުރައްވަ އެވެ.
އެމްޕީއެލް އިން ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އަތޮޅުތަކަށް ގެންދިއުމަށް ދަތިތަކެއް ހުރުމުން ވިޔަފާރިވެރިންނަށް ފަސޭހަކޮށްދީ މުދަލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމެވެ.