ޓެކްނޯލޮޖީ

ކްލަބްހައުސް އެންޑްރޮއިޑަށް

ކްލަބްހައުސް ވަރަށް ބާރަށް ކުރި އަރައިގެން އައިސް ކުއްލިއަކަށް މަގުބޫލްކަން ދަށަށް ޖެހިލައިފި އެވެ. ވާދަވެރިކަމާ ހެދި ކްލަބްހައުސް މިހާރު އޮތީ އޮއިގަދަ ކަނޑެއްގަ އެވެ.

ކްލަބްހައުސް އަކީ މިވަގުތު ހަމައެކަނި އައިއޯއެސް އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މަޝްހޫރުވެފައި ވަނީ ވެސް އައިފޯނާއި އައިޕެޑް ވޮއިސް ޗެޓް އެޕްލިކޭޝަނެއް ގޮތުގަ އެވެ. އެހެން ނަމަވެސް ވާދަވެރިންނާ ހެދި ކްލަބްހައުސް އެންޑްރޮއިޑް އެޕްލިކޭޝަނެއް އުފެއްދުން އަވަސް ކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ކްލަބްހައުސް މަޝްރަހަށް ނުކުތްއިރު ވާދަ ކުރެވޭ ފެންވަރުގެ ވޮއިސް ޗެޓް އެޕްލިކޭޝަންތަކެއް ނެތެވެ. އެހެން ނަމަވެސް، ކްލަބްހައުސް ހޯދަމުން އައި ކާމިޔާބަށް ބަލަންތިބި ވާދަވެރިން އަރާ ހަމަކޮށް ނުރައްކާ ކުރަން ވަނީ ފަށާފަ އެވެ. ޓްވީޓާއިން ސްޕޭސަސް، އިންށްޓާގްރާމް، ސްލެކް އަދި ސްޕްޓިފައިއިން ވެސް ޕާޓީގައި ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ކްލަބްހައުސްއިން އެއްވެސް އިރެއްގައި އެންޑްރޮއިޑް އެޕްލިކޭޝަން ނުއުފައްދާނެ ކަމަކަށް ނުބުނެ އެވެ. އެހެން ނަމަވެސް އެޖެންޑާގައި ތަންކޮޅެއް ފަހަތުގައި ލިސްޓްކޮށް ޑިވެލޮޕްމަންޓް ވަރަށް ބޮޑުތައް ވަނީ މަޑުޖައްސާލާފަ އެވެ.

ކްލަބްހައުސްއިން މިހާރު ގަބޫލު ކުރަނީ ވާދަވެރިންނާ ވާދަ ކުރުމަށް އެންޑްރޮއިޑް އެޕްލިކޭޝަން އަވަސް ކުރަންވެ ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ލަސްތަކެއް ނުވެ އެންޑްރޮއިޑް ކްލަބްހައުސް ބީޓާ ސްޓޭޖްގައި އާންމުނާ ހަމައަށް އަތުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.