އެންޑީއޭ

ހެލްތުގެ ދަށަށް އެންޑީއޭ ގެންގޮސްފި

މައްސަލަތައް ގިނަވެ ފާޑުކިޔުން އަމާޒުވެފައިވާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދަލު ކުރައްވައިފި އެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ ސެންޓަރުތައް ހިންގާ އެންޑީއޭ ކުރިން އޮތީ ޖެންޑާ މިނިސްޓްރީގެ ދަށުގަ އެވެ. މިއަދު އެ އެޖެންސީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައި ވަނީ ގާނޫނީ ގޮތުން ރައީސަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އެންޑީއޭއަކީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހިންގާ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ބެލެނިވެރި ފަރާތެވެ.

ރައީސް މިއަދު ވަނީ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވާފަ އެވެ. އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަދަލު ކުރައްވާފަ އެވެ.