އަހުމަދު މަހްލޫފު

16 ޓާފް ދަނޑުގެ މަސައްކަތް ފަށަނީ

May 5, 2021

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ގަބޫލުކުރާ ފެންވަރުގެ އިތުރު 16 ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިހެން ވިދާޅުވީ އެފްއޭއެމް އާއި އެކު މިއަދު މިކަމުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މަހުލޫފު އިއުލާނުކުރެއްވި 16 ރަށުގެ ތެރޭގައި ހިމެނެނީ ގދ. ނަޑެއްލާ، އދ. ދަނގެތި، ލ. މާބައިދޫ، ބ. ކަމަދޫ، މ. ނާލާފުށި، ށ. ކޮމަންޑޫ، ކ. ހުރާ، ރ. އިނގުރައިދޫ، ފ. ބިލެތްދޫ، ހއ. ކެލާ، ތ. ގުރައިދޫ، އއ. އުކުޅަސް، ތ. ވަންދޫ، ގއ. ގެމަނަފުށި، އއ. މާޅޮސް އަދި ގއ. ކޮލަމާފުށްޓެވެ.

މަހުލޫފު ވިދާޅުވީ ފަސް އަހަރު ތެރޭގައި 100 ދަނޑު ތަރައްގީކުރުމުގެ އަމާޒެއް ކަނޑައަޅައިގެން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 75 ރަށެއްގައި ޓާފް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހި ޕްރިމިއާ ލީގެއް ކުރިއަށް ގެންދަން ރާވައިފައިވާ ކަމަށާއި އެކަން ކުރުމަށް އަލަށް ހަދާ ދަނޑުތަކުގެ ބޭނުން ހިފާނެ ކަމަށެވެ.

"މިއީ ފުލް ޓާފް ދަނޑުތަކެއް. ވަށައިގެން ފެންސް ޖެހިފައި ހުންނާނެ، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހުންނާނެ. ޕްރިމިއާ ލީގު ކުޅެވޭ ފެންވަރުގެ ލައިޓް ހުންނާނެ. އިލެކްޓްރޯނިކް ސްކޯ ބޯޑު ހުންނާނެ. މީ ސީދާ ފީފާ ސްޓޭންޑާޑަށް ތަރައްގީކުރާ ދަނޑުތަކެއް،" ބައްސާމް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފު އިތުރަށް ވިދާޅުވީ މިނިސްޓްރީން ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރާއިރު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން މިވަގުތު ޓާފް ދަނޑެއް ނެތް ދާއިރާތަކުގައި ދަނޑުގައި އެޅުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ރާވާފައިވާ ގޮތަށް މިހާރު މަސައްކަތް ނުފެށި ހުރި ރަށްތަކުގައި މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވާނެ ކަމުގެ ޔަގީންކަން ވެސް މަހުލޫފް ވަނީ ދެއްވާފަ އެވެ.