މިސްރާއި ތުރުކީ އެއްގަލަކަށް އެރޭތޯ ބަލައިލަން މަސައްކަތްތަކެއް ފަށައިފި އެވެ. ސަރަހައްދީ މަސްލަހަތުގައި ދެ ގައުމުގެ ޝައުގުވެރިކަން ފުށުއަރާފައި ވަނިކޮށް އަސްކަރިއްޔާއިން މިސްރުގައި އެއިރު އޮތް މުސްލިމް ބްރަދަހޫޑްގެ ވެރިކަން ވައްޓާލި ހިސާބުން ދެކޮޅަށް މޫނުލައިގެން ތުރުކީއާ މިސްރު އަދި ވެސް ތިބީ ދުރުގަ އެވެ.
މުސްލިމް ބްރަދާހޫޑްގެ ވެރިކަން 2013 ގައި ވައްޓާލައި ރައީސް ޑރ. މުހައްމަދު މުރުސީ ޖަލަށްލިއިރު އަސްކަރިއްޔާގެ ވެރިއަކަށް ހުންނެވީ މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އެވެ.
މިސްރުގެ ގާހިރާގައި ބައްދަލުވުން ކުރިއަށް ދާއިރު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީންނެވެ. މިއީ 2013 އަށް ފަހު މި ފެންވަރުގެ ވަފުދެއް މަޝްވަރާ މޭޒު ދޮށުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ރަނގަޅުކޮށް އާދައިގެ ހާލަތަށް ގެނައުމަށްޓަކައި މެދުނުކެނޑި މުއާމަލާ ތްކުރެވޭ ނިޒާމެއް ގާއިމު ކުރާނެ އެވެ. އަދި ވިޔަފާރިއާ އިގުތިސޯދާ ގުޅުން ހުރި މަސައްކަތްތަކުގެ ތެރެއިން ވެސް މަޝްވަރާ ކުރެވެން ހުރި އިތުރު މަގުތައް ހޯދާނެ ކަމަށް ތުރުކީން ބުނެ އެވެ.
ތުރުކީން މިހާރު މަސައްކަތް ކުރަނީ ގައުމުތަކާ ކޯޅުމަށް ވުރެ ގާތްވުމަށެވެ. އެމެރިކާއާ ޔޫރަޕް އަދި ސައޫދީއާ ގުޅުން ބަދަހި ކުރަން ޝައުގުވެރިވާ ކަމަށް ވެސް ތުރުކީން ވަނީ ބުނެފަ އެވެ. އަދި މެދުއިތުމަތީގައި ތުރުކީ ޝާމިލްވާ މިންވަރު އިތުރުކޮށް މެރިޓައިމް ޗެނަލްތަކަށް ފާރަވެރި ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ތުރުކީންގެ ވިސްނުން މިހާރު އަމިއްލަ އުފެއްދުންތައް ކުރިއަރުވައި އެއިން ވިޔަފާރި ކުރުމަށެވެ.