ރާއްޖެ ކުޅިވަރު

އިހަވަންދު އާއި ނައިފަރަށް މޮޅެއް

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ނައިފަރު ޖުވެނައިލް އާއި ހއ. އިހަވަންދޫ މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު މެޗުން އިހަވަންދޫ ޕޯލްސްޓާ މޮޅުވީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މެޗުގެ ސެޓްތައް ގެންދިޔައީ 52-13، 25-10 އަދި 25-14އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ބުއާލީ އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ކާމިޔާބު ކުރީ ނައިފަރު ޖުވެނަލް އެވެ. އެ ޓީމު މެޗު ކާމިޔާބު ކުރީ ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެއީ 25-18، 25-23 އަދި 25-20އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖުވެނައިލްގެ އާމިނަތު އަރީޝާ އެވެ.

ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭ މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ފުނަދޫ ޒުވާނުންގެ ރޫހާއި ޕޮލިސް ކުލަބެވެ. މިރޭ ކުޅޭނީ ނައިފަރު ޖުވެނަލް އާއި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބެވެ.