ޗެނަލް ޕާކް

އަންނަ ޖެނުއަރީއަށް ޗެނަލް ޕާކް ނިމޭނެ: އެޗްޑީސީ

ހުޅުމާލޭގެ ދެބައި ގުޅުވައިދޭ ސަރަހައްދުގައި ތަރައްގީ ކުރަމުން އަންނަ ޗެނަލް ޕާކުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ނިންމަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި "ޗެނަލް ޕާކް ބޮލްޔާޑް ލިންކް" ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގައި އެ ސަރަހައްދު ތަރައްގީކޮށް ނިމޭ އިރު ސްކޭޓް ޕާކަކާއި ބޯލިން ކްލަބެއްގެ އިތުރުން މަސް ބާނަން ބޭނުން ކުރެވޭނެ ޑެކަކާއި އާންމުން ހިތްހަމަޖައްސާލަން ބޭނުން ކުރެވޭނެ އެހެން ގިނަ ވަސީލްތަތައް ގާއިމް ކުރާނެ އެވެ.

ޗެނަލް ޕާކް އޮންނާނެ ގޮތް ކަމަށް ބުނެ އެޗްޑީސީން އާންމުކޮށްފައިވަ ވީޑިއޯއެއް

ހުޅުމާލޭގެ ދެބައި / ދެ ފިޔަވަހި ގުޅޭ އެ ސަރަހައްދުގެ 49 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އެ ރަށުގެ ދެބައި ގުޅުވާލަން އަޅާ ފަސް ބުރިޖްގެ ތެރެއިން ހަތަރު ބްރިޖް އަޅާފައިވާއިރު ޗެނަލް ޕާކް ނިމުމުން އެތަނުގައި ކުޑަ ދެ ހާބަރާއި، ދެ ބީޗެއް ވެސް އޮންނާނެ އެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށް އޮންނާނީ ހިމާޔަތްކޮށްފަ އެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ފެންގަނޑު ދައުރު ކުރުވަން އެ ސަރަހައްދުގައި ދެ ޗެނަލެއް ތަރައްގީ ކުރާނެ އެެވެ. ފުރަތަމަ ޗެނަލްގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރިއަށް ދެއެވެ.

މާލޭ ސިޓީގައި ހިމެނޭ ހުޅުމާލޭގައި މި މަސައްކަތް ކުރަނީ ހުޅުމާލޭގައި 7،000 ފްލެޓުގެ މަސައްކަތް ކުރި ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އެވެ. ބްރިޖުތަކުގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުން ދީފައިވާ 80 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގަ އެވެ.