މަސްވެރިން

ވިޔަފާރި އަށް ހިބަރުގެ މަސްވެރިކަން ކުރާނަމަ ލައިސަންސް ބޭނުންވާނެ: ގަވާއިދު

May 6, 2021
4

ވިޔަފާރިއެއްގެ ގޮތުގައި ހިބަރުގެ މަސްވެރިކަން ކުރާނަމަ ލައިސަންސް ނަގަން ޖެހޭ ގޮތަށް ގަވައިދެއް ހަދައި ނެރެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު "ހިބަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގައިވާ" ގޮތުން ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ވިޔަފާރީގެ ބޭނުމަށް ހިބަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ވިޔަފާރީގެ ނުވަތަ އެކްސްޕޯޓް ކުރުމަށް ހިބަރު ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ލައިންސަންސް ނަގަން ލާޒިމް ކޮށްފައިވެ އެވެ. މިހާރު މި މަސްވެރިކަމަކީ ސަރުކާރުން ބެލެހެއްޓުމެއްނެތި، ކުރަމުން ގެންދާ ވިޔަފާރި އެކެވެ.

އާ ގަވައިދުގައިވާ ގޮތުން އެކްސްޕޯޓު ކުރަން ނުވަތަ އެކްސްޕޯޓު ކުރާ ފަރާތަކަށް ވިއްކަން ފިޔަވައި އެތެރޭގެ ބާޒާރުތަކުގައި ވިއްކަން ހިބަރު ބާނާ ފަރާތްތަކުގެ ތެރެއިން ދުވާލަކު އެ ތަނެއްގައި ޕްރޮސެސްކުރެވޭ މަހުގެ މިންވަރު 200 ކިލޯ އަށް ވުރެ މަދުނަމަ ލައިންސް ނަގާކަށް ނުޖެހޭނެ އެވެ.

މި ގަވާއިދުގައި ބޭނުން މަނާ ހިބަރުގެ ސައިޒުތައް ވެސް ބުނެދީފައިވެ އެވެ. ތިރީ ތުންގަނޑު ފެށޭ ހިސާބުން ފެށިގެން ނިގޫ ފަތްގަނޑު ދެކަފިވާ ހިސާބަށް 60 ސެންޓިމީޓަރު ހަމަނުވާ ހިބަރު ބޭނުމަކީ މަނާ ކަމެކެވެ. އަދި އެކްސްޕޯޓުކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތަކުގެ ކޮންމެ ޝިޕްމަންޓަކަށް މިނިސްޓްރީން ދޫކޮށްފައިވާ "ކެޗް ސެޓުފިކެޓެއް" އޮންނަން ލާޒިމްކޮށްގފައިވެ އެވެ. މި ސެޓްފިކެޓު ހޯދަން ހުށަހަޅަންވާނީ، ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް "ކެޔޮޅު" މެދުވެރިކޮށެވެ. މީގެ އިތުރުން މި ގަވައިދާ ހިލާފުވެއްޖެނަމަ ޖޫރިމަނާކޮށް ފިޔަވަޅު ވެސް އެޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަމަލު ކުރަން ފެށި މަސްވެރިކަމުގެ ގާނޫނުގެ ދަށުން 18 ގަވައިދެއް އެކުލަވައިލަން ޖެހެ އެވެ. މިނިސްޓްރީން ވަނީ މީގެ ތެރެއިން ބައެއް ގަވައިދުތައް ގެޒެޓު ވެސް ކޮށްފަ އެވެ.