ރައީސް މުހައްމަދު ނަޝީދު

އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލަން ނަޝީދުގެ ގަރާރެއް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ބާރު ދިނުމަށް ގޮވާލައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވަނީ އެކަން އަވަސް އަށް ޔަގީން ކޮށްދެއްވާފަ އެވެ.

ރައީސް ނަޝީދުގެ ގަރާރުގައި އެދިވަޑައިގެންފައި ވަނީ ބޭރުގެ މާހިރެއްގެ އެހީތެރިކަމާއެކު އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ޕީޖީ ގުރޫޕަށް ބާރު ދިނުމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ގައުމީ މަޖިލީހުގެ 10 މެންބަރުން ސޮއިކޮށް ބައްދަލުވުމެއް ބާއްވައި ދިނުމަށް ހުށަހަޅައިފިނަމަ ބައްދަލުވުމެއް ބޭއްވޭނެ އެވެ. ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ގައުމީ މަޖިލީހުގެ މެންބަރުން އެމަނިކުފާނުގެ ގަރާރު ބަލައިގަނެ، އެދިވަޑައިގެންފައިވާ ގޮތަށް ޕީޖީ ގުރޫޕަށް ބާރު ދިނުމަށް ފާސް ކޮށްދިނުމަށެވެ.

އެފަދަ ގަރާރެއް ރައީސް ނަޝީދު ހުށަހަޅުއްވާފައި މިވަނީ އެމްއެމްޕީއާރްސީގެ މައްސަލަ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި މަޖިލީހުގެ ބައެއް ކޮމިޓީތަކުން ވެސް އެ މައްސަލަ ބަލަމުންދާ ވަގުތެއްގަ އެވެ.

ނަމަވެސް މަޖިލީހުގެ 241 ކޮމިޓީގައި އެމްއެމްޕީއާރްސީގެ މައްސަލަ އެދެވޭ ގޮތަކަށް ކުރިއަށް ނުދާ ކަމަށް ބުނެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. މެންބަރުންގެ ކަންބޮޑުވުންތަކަށް އެ ދުވަހު މަޖިލީހުގެ ރިޔާސަތުގައި އިންނަވާފައި ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި އިންނެވިހާ ދުވަހަކު އެމްއެމްޕީއާރްސީގެ ހިޔާނާތް މަޖިލީހުގައި ނުފޮރުވޭނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިފައިވަނީ ބާރާއި ނުފޫޒު ހުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވިޔަސް އަދި ވަޒީރުންނާއި އަމީރެއް ކަމަށް ވިޔަސް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ނަޝީދު ވަނީ ދެއްވާފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތުގައި 267 މީހުން ހިމެނޭ ލިސްޓެއް އޮތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވެ އެވެ. އެ ލިސްޓްގައި މަޖިލީހުގެ ކުރީގެ 44 މެންބަރުންނާއި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި 16 ބޭފުޅަކާއި ކުރީ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި 30 ބޭފުޅަކާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރެއްވި ފަސް ބޭފުޅަކާއި ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ހަތް އޮފިސަރަކާއި އަދި ފަސް ފަނޑިޔާރަކު ހިމެނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހާޒިރުކުރުމުން ދީފައިވާ ބަޔާނުގައި ވަރަށް ގިނަ މައުލޫމާތާއި ހެކި ލިބިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. އަދީބް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ގޮތުގެ މައުލޫމާތުތައް ތަފްސީލްކޮށް ތަހުގީގުގައި ވިދާޅުވެ ދެއްވާ، އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.