އަމީން އިބްރާހިމް

ނަޝީދުގެ ހުށައެޅުއްވުމަށް އަމީންގެ ސުވާލުތަކެއް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ބާރު ދިނުމަށް ގޮވާލައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށައެޅުއްވި ގަރާރާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ގަރާރުގައި އެދިވަޑައިގެންފައި ވަނީ ބޭރުގެ މާހިރެއްގެ އެހީތެރިކަމާއެކު އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ޕީޖީ ގުރޫޕަށް ބާރު ދިނުމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ގައުމީ މަޖިލީހުގެ 10 މެންބަރުން ސޮއިކޮށް ބައްދަލުވުމެއް ބާއްވައި ދިނުމަށް ހުށަހަޅައިފިނަމަ ބައްދަލުވުމެއް ބޭއްވޭނެ އެވެ. ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ގައުމީ މަޖިލީހުގެ މެންބަރުން އެމަނިކުފާނުގެ ގަރާރު ބަލައިގަނެ، އެދިވަޑައިގެންފައިވާ ގޮތަށް ޕީޖީ ގުރޫޕަށް ބާރު ދިނުމަށް ފާސް ކޮށްދިނުމަށެވެ.

އެފަދަ ގަރާރެއް ރައީސް ނަޝީދު ހުށަހަޅުއްވާފައި މިވަނީ އެމްއެމްޕީއާރްސީގެ މައްސަލަ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި މަޖިލީހުގެ ބައެއް ކޮމިޓީތަކުން ވެސް އެ މައްސަލަ ބަލަމުންދާ ވަގުތެއްގަ އެވެ.

އަމީން ވިދާޅުވީ ކިތަންމެ އަވަސް ކުރަން އެދުނަސް، ކިތަންމެ ހެޔޮ ނިޔަތެއް އޮތަސް އަދި ކިތަންމެ މައުސޫމަސް ކޮންމެ ކަމަކަށްވެސް އުސޫލެއް އޮންނަ ކަމަށެވެ. އަދި ތަހުގީގީ އިދާރާއަކުން ބަލާ މައްސަލައެއްގެ ތެރެއަށް ވަކި ފަރުދަކަށް ނުވަތަ ޕާޓީއަކަށް ނޫނީ އެންޖީއޯއަކަށް ވަދެވިދާނެތޯ އަމީން ވަނީ ސުވާލު ކުރައްވާފައެވެ.

"އޭރުން ވާނީ ކިހިނެތްބާ؟ ގާނޫނު އަސާސީ އާއި ގާނޫނުތައް ބުނަނީ ކީކޭބާ،" އަމީންގެ ޓްވީޓްގައި ސުވާލު އުފައްދަވާ ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތުގައި 267 މީހުން ހިމެނޭ ލިސްޓެއް އޮތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވެ އެވެ. އެ ލިސްޓްގައި މަޖިލީހުގެ ކުރީގެ 44 މެންބަރުންނާއި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި 16 ބޭފުޅަކާއި ކުރީ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި 30 ބޭފުޅަކާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރެއްވި ފަސް ބޭފުޅަކާއި ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ހަތް އޮފިސަރަކާއި އަދި ފަސް ފަނޑިޔާރަކު ހިމެނެ އެވެ.

މި މައްސަލާގައި އެމްޑީޕީގެ މެންބަރުންގެ ތެރޭގައިވެސް ހޫނު ބަހުސްތަކެއް ހިނގާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއެކު އެއްވެސް "ޑީލެއް" ހެއްދެވި ކަމުގެ ތުހުމަތު ކުރެއްވުމުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ އެމްޑީޕީގެ ލީޑާޝިޕަށް އަމާޒު ކުރައްވާ ވާހަކަތަކެއް ދައްކަވާފައެވެ.

ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބާއެކު އެއްވެސް ޑީލެއް ހައްދަވައިފައި ނުވާނެ ކަމަށެވެ. އޭނާ މަޖިލީހުގައި ވަކި ގޮތަކަށް ވޯޓެއް ދެއްވާފައިވާނަމަ އެ ވޯޓެއް ދެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި ގޮތަކަަށް ކަމަށެވެ.

"ޑީލް ހެއްދެވީ މަނިކުފާނު! އަޅުގަނޑު އެއްވެސް ޑީލެއް ހަދާފައި ނޯންނާނެ،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ބެލުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށް ރިޔާސީ ކޮމިޝަނެއް އުފެއްދި ނަމަވެސް ދައުރު ދެބައިވެގެން މި ދަނީ އެ ކޮމިޝަނަށް މާބޮޑު ކުރިއެރުމެއް ނުލިބިއެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އެކަމުގެ އެޑްވާންޓޭޖް ނަންގަވައިގެން ނަޝީދު މަަސައްކަތް ކުރައްވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް އެހެން ގޮތަކަށް "ފޮރޮޅާ" ލެއްވުމަށެވެ. އެއީ އެމަނިކުފާނު ޖަލުން ނިކުމެވަޑައިގަތުމަށް އަދި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު ހެއްދެވި "ޑީލް" ތައް ފޮރުއްވުމަށެވެ. އަދި ވަކި ބަޔަކަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުކޮށް ވަކި ބަޔަކު އެ ތުހުމަތުތަކުން ސަލާމަތް ކުރެއްވުމަށެވެ.