ބޭރު ކުޅިވަރު

ރެއާލް ބަލިވެ، ބާސެލޯނާ އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ބަލިވެ، ބާސެލޯނާ ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ބާސެލޯނާ މޮޅުވީ ވިޔަރެއާލް އަތުން 3-0އިންނެވެ. މެޗުގެ ފުރަތަމަ ލަނޑާއި ތިން ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ނޭމާ އެވެ. ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލުއިސް ސުއަރޭޒް އެވެ.

ނޭމާގެ ތިން ވަނަ ގޯލަކީ މޮޅު ގޯލެކެވެ. އޭނާ މި ގޯލު ޖެހީ ޕެނަލްޓީ އޭރިޔާގެ ތެރެއިން ލިބުނު ބޯޅަ އެއްފަހަރުންޖަހައި ބޯމަތިން ފަހަތަށް ކޮންޓްރޯލްކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ލަޔޮނަލް މެސީ ނެތި ކުޅުނު ފަސް މެޗުގައި ނޭމާ އާއި ސުއަރޭޒް ޖެހި 16 ވަނަ ގޯލެވެ.

މި މޮޅާއެކު ބާސެލޯނާ ޓޭބަލުގެ އެއްވަނާގައިވަނީ 27 ޕޮއިންޓާއެކުގަ އެވެ. ކުރިން އެއްވަނާގައި އޮތް ރެއާލް މެޑްރިޑް މިހާރު އޮތީ 24 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. އަދި ރޭ ސެވިއްޔާ އަތުން ރެއާލް 3-1އިން ބަލިވުމުގެ ފައިދާ ނަގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް ވަނީ 23 ޕޮއިންޓާއެކު ފަހަތުން ވިއްދާފަ އެވެ.

ރެއާލް މެޑްރިޑް ބަލިވުން

ރެއާލް ބަލިވީ ޑިފެންޑަރު ސާޖިއޯ ރާމޯސް ގޯލެއް ޖަހާފައިވަނިކޮށެވެ. 22 ވަނަ މިނިޓްގައި އޭނާ ޖެހި މި ގޯލާއެކު ރެއާލް އަށް ލީޑު ލިބުނު ނަމަވެސް 32 ވަނަ މިނިޓްގައި އޭނާ ބަދަލުކުރީ ބައިސްކަލް ކިކެއް ޖަހައި ޖަހައި ގޯލަށް ފޮނުވާލި އަށްފަހު ވެއްޓި ކޮނޑު ހުޅަށް ތަދުވުމުންނެވެ.

ސެވިއްޔާގެ ސިރޯ އިމޮބިލް ނަތިޖާ ހަމަހަމަކުރީ ރާމޯސް ބޭލިތާ ހަތަރު މިނިޓް ފަހުންނެވެ. 36 ވަނަ މިނިޓްގައި ޖެހި މި ލަނޑަށްފަހު އެވާ ބެނެގާ ލަނޑު ދެ ވަނަ ލަނޑު ޖަހައި ރެއާލް ހާސްކޮށްލީ 61 ވަނަ މިނިޓްގަ އެވެ. އަދި ފެނާންޑޯ ލޮރަންޓޭ ވަނީ 74 ވަނަ މިނިޓްގައ ތިން ވަނަ ލަނޑެއް ޖަހައި ރެއާލް އަށް އިތުރު ޕްރެޝަރެދީފަ އެވެ. ރެއާލްގެ ފަހު ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގައި ހާމޭސް ރޮޑްރިގޭޒް އެވެ.

ރެއާލްގެ މި ބަލިވުމަކީ މި މަހުގެ 21 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އަނެއްކޮޅުން އެތްލެޓިކޯ މެޑްރިޑް އެންމެ ޕޮއިންޓަކަށް ކައިރި ކުރީ ސްޕޯޓިން ގިއޮން 1-0އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އެންމެ ފަހު މިނިޓްގައި އެންޓޯނިއޯ ގްރައިޒްމަން އެވެ.