ގަތަރުގެ ފައިނޭންސް މިނިސްޓަރު އަލީ ޝަރީފް އަލްއިމާދީ ހައްޔަރުކުރަން އެޓާނީ ޖެނެރަލް އަންގަވައިފި އެވެ. ގަތަރު ނިއުސް އޭޖެންސީން ބުނި ގޮތުން ވަޒީރު ހައްޔަރުކުރަން އަމުރުކޮށްފައި ވަނީ އޭނާއާ ބެހޭ ގޮތުން ޕްރޮސެކިޔުޓަރުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އޭނާއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ނަހަމަ ގޮތުގައި މަގާމުގެ ބޭނުންހިއްޕެވުމާއި އާންމު ފަންޑުތައް ބެލެހެއްޓެވުމުގައި އިޚްލާސްތެރިކަމެއް ނެތުން ހިމެނެ އެވެ.
އަލީ ޝަރީފް އަލްއިމާދީއަށް ފައިނޭންސް މިނިސްޓަރުކަން ލިބިވަޑައިގަތީ ޝެއިޚް ތަމީމް ބިން ހަމަދު އަލްސާނީއަށް ޖޫން 2013 ގައި ގަތަރުގެ އަމީރުކަން ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
މެދުއިރުމަތީ ގައުމުތަކުގައި ޝާހީ އާއިލާއާ ބެހޭ މައްސަލަތައް އަދި ސަރުކާރުގެ ވެރިންނާ ބެހޭ ގޮތުން ހުށަހެޅޭ މިޒާތުގެ މައްސަލަތައް އާންމުކޮށް ބަލަނީ ސިއްރިއްޔާތުގައި ފަރުދާކުރެވިގެންނެވެ. މިފަދަ މައްސަލަތައް ބެލުމަށް މެމްބަރުން އައްޔަށްކުރެވުނު ނަމަވެސް މަދު ވާހަކައެއް ނޫނީ މީޑިއާއަކަށް ނުފޯރަ އެވެ. އެހެންކަމުން މިފަހަރު މިވެގެން އުޅޭ ގޮތް އަދި މުޅިން ސާފެއް ނުވެ އެވެ.
މިމައްސަލައާ ބެހޭ ގޮތުން ގަތަރު ނިއުސް އޭޖެންސީން އަމައެކަނި ސުރުހީއަޅާލީ އެވެ. އިތުރު ތަފުސީލެއް ނުދެ އެވެ. މީޑިއާގައި ވާހަކަތައް ހުރި ގޮތުން މިކަމުގެ ތެރޭގައި ގަތަރުގައި ހިންގަމުން އަންނަ ބިޔަ ޕްރޮޖެކްޓައް ޝާމިލްވެދާނެ ކަމަށް ބެލެވެ އެވެ.