ޓެރަރިސްޓް ހަމަލާ

ހަމަލާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދަން އަންގަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ތަހުގީގުކުރާއިރު ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ސަލާމަތީ ބާރުތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ފާސްކޮށްފި އެވެ.

ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދިންތާ ކުޑައިރުކޮޅެއް ތެރޭގައި ބޭއްވި 241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގަ އެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މިބައްދަލުވުމާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަކީ ދައުލަތުގެ އެއް ބާރުގެ އެންމެ އިސްވެރިޔާ ކަމަށްވާތީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ އަކީ ސީރިއަސް ކޮށް ބަލަންޖެހޭނެ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ބޮޑެތި ބައެއް މައްސަލަތަކުގައި އެކަށީގެންވާ ގޮތަކަށް ހެކި ހޯދިފައި ނުވާ ކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ނަޝީދަށް ހަމަލާ ދިން މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން ބޭނުންވާތީ ބޭރުގެ ފަންނީ އެހީތެރިކަން ހޯދަން ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންކަމުން ސަލާމަތީ ބާރުތަކުން މިމައްސަލަ ތަހުގީގުކުރާއިރު ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އަންގަން ކޮމިޓީން ވަނީ ނިންމާފައި،" އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ތަހުގީގުކޮށް، ކުށް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދެކޮޅު ހަދާ އެއްވެސް މެންބަރަކު މަޖިލީހުގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. ނުރައްކާތެރި ހަމަލާތަކުން ގައުމު ސަލާމަތް ކުރެވޭނީ ސިޔާސީ ވިސްނުން އެއް ފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި އަސްލަމް ދެކެވަޑައިގަންނަވަ އެވެ.

ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް 241 ކޮމިޓީން ވަރަށް ގާތުން ބަލާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވި އެވެ. ހަމަލާ އާއި ގުޅިގެން ހޯދަންޖެހޭ މައުލޫމާތުތައް ހޯދާ، އަޅަންޖެހޭ ފިޔަވަޅުތައް އަންގަމުން ގެންދާނެ ކަމުގައިވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ތަހުގީގުކުރާއިރު އެހެން ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވެ އެވެ. އިމްރާން އެހެން ވިދާޅުވީ 241 ކޮމިޓީގެ މިރޭގެ ބައްދަލުވުން ފެށުމުގެ ކުރިންނެވެ.

މާލޭގައި މިރޭ ދިން ހަމަލާ ތަހުގީގުކުުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައެއް ގައުމުތަކުން ހުށަހަޅާފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.