ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ އިންތިހާބު ފަސް ކުރާކަށް ނުނިންމާ: ޗެއާޕާސަން

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިންތިހާބު ފަސް ކުރުމާ ގުޅޭ މަޝްވަރާތައް އެމްޑީޕީން ފަށާފައި މިވަނީ މިވަގުތު އިންތިހާބު ބޭއްވުމާ ދޭތެރޭ އަލުން ވިސްނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމާ ގުޅިގެންނެވެ. ރައީސް އެކަމަށް އެދިވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އިންތިހާބެއް ބާއްވާ ކޮންމެ ވަގުތަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާ ވަގުތެއް ކަމަށެވެ. އެކަމަކު މި ވަގުތަކީ ޕާޓީގެ ބަދަހި ކަމަށް ވަރަށް މުހިއްމު ވަގުތެއް ކަމަށެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިވަގުތު ބޭއްވުމާ މެދު ހުރިހާ ބޭފުޅުން ވިސްނާ ވަޑައިގަތުމަށެވެ.

އިންތިހާބު ފަސްކޮށް ދިނުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ދެމުންގެންދާ އޭޑީކޭ ހޮސްޕިޓަލަށް އާދީއްތަ ދުވަހު ވަޑައިގެން ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. އެކަމަކު އިންތިހާބު ފަސްކުރަން ބޭނުންވާ ވަކި ސަބަބެއް ރައީސް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސް ކޮށް ދިނުމަށް ރައީސް ސޯލިހް އެދިވަޑައިގަތުމާ ގުޅިގެން އިއްޔެ ވަނީ އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

އެފަދަ ބައްދަލުވުމެއް ބާއްވާފައިވާ ކަން ޔަގީން ކޮށްދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަވަސް އަށް ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގައި އިންތިހާބު ފަސް ކުރުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

"އެމްޑީޕީގެ އިންތިހާބަށް އެކުލަވާލި އިލެކްޝަން ކޮމިޓީގައި އަޅުގަނޑުމެން މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެންނަށް ފެންނަ ލަފައެއް ވާނީ ޕާޓީގެ ސެކްރެޓޭރިއޭޓަށް ވާނީ ފޮނުވާފައި. ދެން އެއާ އެކީ ސެކްރެޓޭރިއޭޓް ބައްދަލުވުމަކަށް ފަހު އެއަށް ގޮތެއް ނިންމާނީ،" ހަސަން ވިދާޅުވި އެވެ.

އިންތިހާބަށް އެކުލަވާލި ކޮމިޓީން ސެކްރެޓޭރިއޭޓަށް ދީފައިވާ ލަފައާއި ގުޅޭ ގޮތުން ވަކި އެއްޗެއް ހަސަން ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ސެކްރެޓޭރިއޭޓްގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ނިންމާ ގޮތެއް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވެ އެވެ. ވޯޓުލުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ވޯޓް ލާން އެއްވެސް ގައުމެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓާނެ އެވެ. އެކަމަކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވޯޓް ފޮށި ބަހައްޓަން ނިންމާފައިވެ އެވެ.

އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެމްޑީޕީން ބުނީ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދާއި އެމީހުންނާ ގުޅޭ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.