ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ރާއްޖެ އަންނަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމެއް ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ.

އެކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގައުމާއި މުހާތަބު ކުރައްވައެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ވިދާޅުވީ މިރޭ ދިން ހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމާ މިކަމުގައި ޝާމިލުވާ ހުރިހާ އެންމެން އަދުލްއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް މިހާރު އަންގާފައިވާ ކަމަށެވެ. މިރޭގެ ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނަނާނެ ކަމަށް ވިދާޅުވިއެވެ.

"މި ހަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރުން މިކަން މިހާރު އަންނަނީ ތަހުގީގު ކުރަމުން. މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މި އަންނަނީ ހޯދަމުން. މި ގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ހަމަލާއަކީ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް

މިރޭގެ ހަމަލާއާ ގުޅިގެން ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާ އެކަމާ ދެކޮޅަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސްނުޖެހި އަޅުއްވާނެ ކަމަށެވެ. ރައީސް ސިފަ ކުރެއްވި ގޮތުގައި މިރޭގެ ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެކެވެ.

"މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށާއި އިގްތިސާދަށްވެސް ދިން ހަމަލާއެއް. މިފަދަ އަމަލުތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތްﷲގެ ވާގިފުޅާއެކު ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސްގެ ހިތާބު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް

ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ރައީސް ނަޝީދުގެ ހާލަތާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަހަމުތަކަށް ފަރުވާ ދެއްވުމަށް އިތުރު އޮޕަރޭޝަންތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ޑޮކްޓަރުން އެންމެ ފަހުން މައުލޫމާތު ދެއްވި ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށްޓަކައި އިތުރު އޮޕަރޭޝަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

މިރޭ ހިނގި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 8:30 ގައެވެ. އެ ހޮސްޕިޓަލުން ބުނީ ހަށިކޮޅަށް ގިނަ ޒަހަމުތަކެއް ލިބިފައިވަނިކޮށް މިރޭ 8:30 ގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައިވެއެވެ.

އެމަނިކުފާނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންްގެ ހާއްސަ ޓީމެއް އެކުލަވާލާފައިވާއިރު އެ ޓީމާ ހަވާލާދީ އޭޑީކޭއިން ބުނީ ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.