ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިރޭގެ ހަމަލާއަކީ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭގެ ހަމަލާއާ ގުޅިގެން ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާ އެކަމާ ދެކޮޅަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސްނުޖެހި އަޅުއްވާނެ ކަމަށެވެ. ރައީސް ސިފަ ކުރެއްވި ގޮތުގައި މިރޭގެ ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެކެވެ.

މިރޭ ދިން ހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމާ މިކަމުގައި ޝާމިލުވާ ހުރިހާ އެންމެން އަދުލްއިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް މިހާރު އަންގާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނަނާނެ ކަމަށް ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށާއި އިގްތިސާދަށްވެސް ދިން ހަމަލާއެއް. މިފަދަ އަމަލުތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތްﷲގެ ވާގިފުޅާއެކު ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސްގެ ހިތާބު ނިންމަވާލައްވަމުން ވިދާޅުވިއެވެ.