ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންގެ ތެރެއިން އެކަކަށް ގިނަ ޒަހަމްތަކެއް ލިބިއްޖެ އެވެ.
ހަމަލާ ދިން ވަގުތު ރައީސް ނަޝީދުގެ އަރިހުގައި ތިބީ ކިތައް ބޮޑީގާޑުން ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމަކު މި ހަމަލާއާ ގުޅިގެން އެކިވަރުގެ ޒަހަމްތައް ލިބި، ސިފައިންގެ ތިން މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. ސިފައިންގެ ދެ މީހަކަށް އޭޑީކޭގައި ފަރުވާ ދީފައިވާއިރު ސިފައިންގެ ތިންވަނަ މީހާ އަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގަ އެވެ.
ޒަހަމުވި ބޮޑީގާޑުންގެ ތެރެއިން އެކެއްގެ އަތާއި ފަޔާއި ފައިތިލައިގެ އިތުރުން ކަނދުރާއަށް ހަމަލާ ދިން ވަގުތު ވިއްސައިގެން ދިޔަ އެތިކޮޅުތަކެއް ހެރި ކުދިކުދި އެހެންނަމަވެސް ގިނަ ޒަހަމު ތަކެއް ލިބިފައިވެ އެވެ. ހަށިގަނޑަށް ހެރިފައި ހުރި އެތިކޮޅުތައް ނަގާފައިވަނީ ހޮސްޕިޓަލުންނެވެ.
ފަރުވާ އަށް ފަހު ބޮޑީގާޑަކު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ބައެއް ނޫސްވެރިންނާ ވަނީ ހަމަލާ އައި ގޮތާ ގުޅޭގޮތުން އޭނާއާ ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާ ހުރި މަގާމުގެ ގޮތުން މައުލޫމާތު ހިއްސާކުުރުމަށް ވަނީ އުޒުުރުވެރިވެފަ އެވެ. އެކަމަކު ލިބިފައިވާ އަނިޔާތައް އޭނާ ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.
ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އުޅުނު ބައެއް މީހުން އަވަސްއާ ވާހަކަ ދައްކަމުން ބުނީ ވަރަށް ބާރު އަޑެއް ގޮވާފައި އެއްޗެތި ތަކެއް ވަރަށް ދުރަށް ބުރުއްސައިގެން ދިޔަ ވަގުތު ރައީސް ނަޝީދު ކުޑަކޮށް ތިރިވެލައިގެން އިންނަވަނިކޮށް ފެނުނު ކަމަށެވެ. އަދި އަރިހުގައި ތިއްބެވި ސިފައިން އެވަގުތު އެމަނިކުފާނު ވަށާލި ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ހަށިކޮޅަށް އަނިޔާތަކެއް ލިބި އެތަނުން ލޭ ފެނިފައިވާ ކަމަށެވެ.
ހަމަލާދިނުމާ އެކު ރައީސް ނަޝީދުގެ އަރިހުގައި ތިބި ސިފައިން ވަނީ ރައީސް ނަޝީދަށް ހާއްސަކޮށްފައިވާ ކާރުކޮޅުގައި އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފިނަމަ ސީން ރޫޅި ތަހުގީގަށް ބުރޫ އަރާފާނެ ކަމަށް ބަލައި ރައީސް ނަޝީދު އޭޑީކޭ އަށް ގެންދިޔައީ ސިފައިންގެ އެހެން ކާރެއްގަ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނު ޒަހަމްވި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނެތް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. ރައީސް ނަޝީދުގެ ސާޖަރީތަކެއް ހެދުމަށްފަހު މިވަގުތު ވެސް އޮންނެވީ އޭޑީކޭގަ އެވެ.
ހަމަލާ ދިން ސަރަހައްދު ބަންދުކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ގެންދަނީ ތަހުގީގު ހިންގަމުންނެވެ. އަދި ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ވަފްދެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.