ކެބިނެޓް

ވަޒީރުން މަޝްވަރާ ކުރެއްވީ ތަހުގީގުގެ ފުނަށް އަވަހަށް ވާސިލްވުމަށް

މާލޭ ނީލޯފަރު ހިނގުމުގައި ބާރުގަދަ އެއްޗެއް ގޮވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާ ލިބިވަޑައިގަތުމުގެ އިތުރުން ބަޔަކަށް ލިބުނު އަނިޔާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައި މި ހާދިސާ އާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ރޭ މުލިއާގޭގައި ކުރިއަށްދިޔަ ކުއްލި ބައްދަލު ވުމުގައި އެ ހާދިސާއާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި މިކަން ހިނގާދިޔަގޮތް ތަހުގީގު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން ވަނީ މި އަމަލު ކުށްވެރިކުރައްވައި މިކަން ވީ އެންމެ އަވަހަށް ތަހުގީގު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މިފަދަ ހާލަތްތަކުގައި ގައުމުގެ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.