ވާހަކަ

ވޭންތަކުން ދިން

(3 މޭ 2021 އާ ގުޅޭ)

ނާއިކު އެއްވެސް އެއްޗެއް ނުބުނެ ހިމޭން ވިއެވެ. އައިޝާގެ ދެލޮލަށް ފައިބަން ފެށި ކަރުނަ ތަކުން ކޮންމެ ވެސް ކަމެއް ވަރަށް ގޯސް ވެއްޖެކަން ނާއިކަށް ޔަޤީން ވިއެވެ.

ނާއިކުގެ ހިމޭން ކަމުގެ ތެރެއިން، ނާއިކަށް ހުރީ އޭނާގެ ދޫ ހަރަކާތް ކޮށްލަން ވެސް ނުކެރިފައެވެ. ދެން ވެސް ވާހަކަ ދެއްކީ އަައިޝާ އެވެ.

"ކީއްވެ އެއްޗެކޭ ނުބުނެ ތީނީ؟ ނާއިކު ރާއްޖެ އައި ފަހުން ތީ މުޅިން އެހެން ނާއިކެއް. އަހަރެން އެއްޗެއް ނުބުނެ މި ހުންނަނީ ދެރަ ނުވާތީ އެއް ނޫނޭ. ހިތެއް ނެތީމަ އެއް ނޫނޭ. އަހަރެން ވެސް ވަރަށް ދެރަވޭ. ވަރަށް ރޮން." އައިޝާ އެއް ނޭވާ އިން ގިނަ ވާހަކަ ތަކެއް އަމުނައިލިއެވެ. ނާއިކުގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ވާން މިއުޅޭ ގޮތް ނާއިކަށް ރޭކައިލަން ފަށައިިފިއެވެ.

"ނާއިކު މާލެ އައި ގޮތަށް ފުރަތަމަ އުޅުނީ އަހަރެން ފަލަ ވެގެން. އަހަރެން ކުރާ ކަންތައް އޯލްޑު ވެގެން. އަހަރެންނާ އެކު ދުއްވާލަން ދާން ލަދުން." އައިޝާ ރޮމުން ވާހަކަދައްކަމުން ދިޔައިރު، ނާއިކު ހުރީ ކުށްވެރި އެއް ފަދައިންނެވެ.

"ރޭގަ އެވީ ކޮން ކަމެއްތަ؟ އެއީ ކާކުތަ؟" އައިޝާގެ ކަޅި ސީދާ އަމާޒު ކޮށްލީ ނާއިކުގެ ދެލޮލަށެވެ. ނާއިކަށް ވަގުތުން ހީވީ އޭނާގެ ކަކުލު ހުޅުން ވާގި ދޫވެގެން ދިޔަހެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން، ނާއިކު ގޮސް އިށީންނީ އެނދުގައެވެ. މޮޅެތި ޑުރާމާތައް ޖައްސަމުން ދިޔަ ނާއިކުގެ ބަސް ހުއްޓި، މީހާ މުޅިން ހިމޭންވިއެވެ. އިސްދަށަށް ޖަހައި ލަމުން ދަތި ގޮތަކަށް ނާއިކު ދޫކޮށްލީ ފުން ނޭވާ އެކެވެ. އައިޝާއާ ކުރިމަތި ލާނެ ހިތްވަރެއް ނާއިކުގެ ހައްޓަކު ނެތް ފަދައެވެ.

"އޯކޭ.. ޖަވާބު ލިބެއްޖެ." އެހެން ބުނެ، އައިޝާ ގުދުވެލަމުން ނެގީ އޭނާގެ ފޮށްޓެވެ. އަދި ހެދުންތައް ފޮށްޓައް އަޅަން ފެށިއެވެ.

"ތި އުޅެނީ ކީއްކުރަން؟" ކުއްލިއަކަށް ހުރެފައި ނާއިކަށް ބާރެއް ލިބުނު ފަދައެވެ. އޭނާގެ ދޫ ހަރަކާތް ކޮށްލީ އޭނާގެ އިޚުތިޔާރުން މުޅީން ބޭރުންނެވެ.

"މި އުޅެނީ ރަށަށް ދާން. އަހަރެން އިތުރަށް މިތަނުގަ ހުރުމުގެ ބޭނުމަކީ ކޮބާ؟" އައިޝާ ގެން ދިޔައީ އޭނާގެ ހެދުންތައް ނަގަމުންނެވެ.

"ތިހެން ދެވޭ ތަ؟ މަޑުކޮށް ބަލަ!" ނާއިކު ގޮސް ހިފެހެއްޓީ އައިޝާގެ އަތުގައެވެ.

"ކީއްވެ ނުދެވެންވީ؟ ބުނެބަަލަ! ނާއިކު ޖަހާހާ ކޮންމެ ބެރަކަށް ނަށަން އަހަންނަކީ ބުދެއް ތަ؟ އަހަންނަކަށް ބޭނުން ގޮތެއް ނާއިކަށް ނުހެދޭނެ." ނާއިކުގެ އަތް ފޮޅައި ލަމުން، އައިޝާ އަނެއްކާ ވެސް އޭނާގެ އަންނައުނުތައް ފޮށްޓައް އަޅަމުން ގެންދިޔައެވެ. ނާއިކުގެ ދެލޯ ވަގުތުން ފެންކަޅި ވެގެން ދިޔައެވެ. ނާއިކަށް ހުރީ ރޮވެން ގާތް ވެފައެވެ.

***

ދަންވަރުގެ ހިމޭން ވަގުތެވެ. ޖަންނަތަށް ހޭލެވުނީ އޭނާގެ ފޯޯޯނު ރިންގުވާ އަޑަށެވެ. ވަރަށް އަވަހަަށް ލަބީބަށް ބަލައިލުމަށްފަހު، ޖަންނަތު ފޯނު ހިފައިގެން ކޮޓަރިން ނުކުތެވެ. އެއީ ޒަހީންގެ ކޯލަކަށް ވުމުންނެވެ.

"ތީ ދެން ކިހާ ދެރަ ކަމެއް ތަ؟" ވައި އަޑަކުން ޖަންނަތު އެހެން އަހައިލީ ވަރަށް ބޮޑަށް ރުޅި އައިސްގެން ހުރެއެވެ. ޖަވާބުގައި ޒަހީން ޖަހައިލީ ބޮޑު ހިނިގަނޑެކެވެ.

"ހެހެ! ބަލަ އަހަރެން މި ގުޅަނީ އަހަރެންނަށް ލިބެން އުޅޭ ދަރީގެ މަންމައަށޭ!" މަލާމާތް ކުރާ ފާޑަށް ޒަހީން ބުނެލިއެވެ. ޖަންނަތު ރުޅި އައިސްގެން އެވަގުތު ރޫރޫ އަޅައެވެ.

"މައްސަލަ އެއް ނެތް! އަހަރެން މުޅި ރަށަށް އިއުލާން ކުރާނަން. އަހަރެންގެ ބަނޑުގަ މި އޮތީ ކަލޭގެ ދަރިއެެއްކަން. ރަނގަޅެއްނު؟ އުފާވެއްޖެއްނު؟" ދަތްކުނޑި ވިކައި ލަމުން ޖަންނަތު ވާހަކަދެއްކިއެވެ.

"އޯކޭ. ވަރަށް ރަނގަޅު ކަމެއް އެއީ. އެކަމު، ކާކުބާ ތި ވާހަކަ ޤަބޫލު ކުރާނީ؟ ދެން ޖަންނަތަށް ކެރޭނެ ތަ ތި އުޅޭ ލޯބި ދިރިއުޅުން ގެއްލި، މުޅި ރަށަށް ފަޞީހަތްވާން؟" ޒަހީންގެ ރާގުގައި ވަނީ ވިހަގަދަ ކަމެވެ.

"އަހަރެން އިތުރަށް ވާން އޮތީ ކޮން ފަޟީހަތެއް ތަ؟ ކަލޭގެ އުނދަގޫއަށް ވުރެ، މި މަލާމާތާ ކުރިމަތިލުން އަހަންނަށް މާ ހެޔޮ." ޖަންނަތު ގަދަ ކަމުން ހީނލިއެވެ.

"އަދި ބުނަން. އަހަރެން މި އުޅެނީ ލޯބި ދިރިއުޅުމެއް ނޫން. ކަލޭ ހީކޮށްފާނެ އަހަރެން މި އުޅެނީ ލަބީބު ދެކެ ލޯބިން އޭ. ހެހެ، އެހެން ހީ ނުކުރައްޗޭ! އަހަރެން ލޯތްބެއް ނުވޭ ލަބީބު ދެކެ. އެކަމު، އަހަރެން މި އުޅެނީ އަހަރެންގެ ޙާލަށް ރުހިގެން، މި ލަދުން ސަލާމަތް ވާން ރީއްޗަށް އުޅެވޭ ތޯ. އެހެންވީމަ، އަހަރެން ޖެހިލުމެއް ނުވޭ އަހަރެން ލަދެއްގެ ތެރެއަށް ވައްޓާލާކަށް." ޖަންނަތުގެ ވާހަކަތައް ހަރުކަށި ނަމަވެސް، އެވާހަކަ ތަކުން ޒަހީނަށް އެއްވެސް އަސަރެއް ނުކުރާ ކަހަލަ އެވެ. ޒަހީން އަނެއްކާ ވެސް ފެށީ ހޭންށެވެ. ޖަންނަތު އައި ރުޅީގައި ފޯނު ކަނޑައިލީ އެއްވެސް ސީރިއަސް ކަމެއް ޒަހީންގެ ފަރާތުން ނުފެނުމުންނެވެ. ރަށު މީހުން ޒަހީނާ ދެކޮޅަށް ވާހަކަ އެއް ދެއްކިޔަސް، ޤަބޫލު ނުކުރާނެކަން ޖަންނަތު ދެނެ ހުރެ އެވެ. ނަމަވެސް ޖަންނަތު ބޭނުންވީ، ޖަންނަތުގެ ރާގާއި ވާހަކަ ބަދަލުކޮށްގެން ވެސް ޒަހީން ބިރު ގަންނުވާލެވޭތޯއެވެ. ނަމަވެސް އެކަން ޖަންނަތަށް ކާމިޔާބީ އެއް ނުވެއެވެ.

***

"އަހަންނަށް މާފު ކުރޭ! އަހަރެން ޤަބޫލު ކުރަން އަހަންނަށް މި ކުރެވުނީ ކުށެއްކަން." ނާއިކު އިނީ އެނދުގެ ފަޑީގައި އިށީންދެގެންނެވެ. ނާއިކާ ޖެހިގެން އިނީ އައިޝާއެވެ. އިސް ދަށަށް ޖަހައިގެން އިން އައިޝާގެ ލޮލުން ކަރުނަ ހުސް ނުވެއެވެ.

"ޕްލީޒް އާޝާ. އަހަރެންނަށް މާފު ކުރޭ. އަހަރެން.." ނާއިކުގެ ދެ ލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. (ނުނިމޭ)