ހަބަރު

ސިޑިން ވެއްޓި ޒަހަމްވި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ބ. އޭދަފުށީ ގެއެއްގައި ސިޑިއަކުން ވެއްޓި އިއްޔެ އަނިޔާވި އަންހެންމީހާގެ ހާލު ރަނގަޅުކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ސިޑިން ވެއްޓިގެން އިއްޔެ ޒަހަމް ވެފައިވަނީ އޭދަފުށީ އަޅިވިލާގޭ އަރީފާ ޔޫސުފް 43، އަށެވެ.

"އަވަސް" އާ ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ހަބީބު ވިދާޅުވީ، އަންހެން މީހާ އިއްޔެ މާލެ ގެނައުމަށްފަހު ލިބިފައިވާ ޒަހަމްތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދީފައިވާ ކަމަށެވެ. އަދި މިހާރު އެ އަންހެންމީހާގެ ހާލަތު ރަނގަޅު ކަމަށާއި އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އާންމު ވޯޑަށް އަންހެންމީހާ މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

އެ އަންހެންމީހާ ސިޑިން ވެއްޓި ގޮސް ޖެހުނު ގޮތަކުން ވަނީ ކަރުގެ ބޮޑު ބައެއް އެތެރެއަށް ކަފައިގެން ގޮސްފަ އެވެ. އަދި މޫނުގެ އެކި ތަންތަނަށް ވެސް އެކި ވަރުގެ އަނިޔާވި އެވެ.