ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މަރުވި މީހުންގެ އަދަދު 81 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 7:50 ހާއިރު ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 37 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެމީހާ އަކީ ކ. މާފުށީ އައިސޮލޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ ބަންގްލަދޭޝް ފިރިހެނެކެވެ.
ރޭ ދަންވަރު 3:47 ހާއިރު ވެސް ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފަ އެވެ. އެއީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑް ބަލީގައި އިއްޔެ ރާއްޖެ އިން ވަނީ ފަސް މީހަކު މަރުވެފަ އެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކާއި ނައިފަރުން ދެ މީހަކު އަދި ގެސްޓް ހައުސްއެއްގައި ކަރަންޓީނު ވެގެން ހުރި މީހެކެވެ.
ރާއްޖޭގައި ވޭތުވެދިޔަ ހަފްތާ އިން ފެށިގެން އަންނަނީ ރިކޯޑް އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެ ރާއްޖެ އިން ވަނީ 703 މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 526 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 167 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.