ނަޝީދަށް އަމާޒު ކުރި ހަމަލަ

ހާލުކޮޅު ސީރިއަސް، ފަރުވާ ދެނީ އައިސީޔޫގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް - ސީރިއަސް - ކަމަށާ މިވަގުތު ފަރުވާ ދެމުން ދަނީ އަައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ދަނީ ރައީސް ނަޝީދުގެ އާއިލާގެ ހުއްދައާއެކު އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ މައުލޫމާތު އާންމު ކުރަމުންނެވެ. އެ ހޮސްޕިޓަލުން އެންމެ ފަހުން ބުނީ ނަޝީދުގެ ގިނަ ސާޖަރީތައް ހަދާފައިވާ ކަމަަަށެވެ.

އެގޮތުން އެމަނިކުފާނުގެ ބޮލާއި އަތް އަދި ފައިގެ ސާޖަރީއެއްގެ އިތުރުން ބަނޑާއި ފުރަމޭގެ ސާޖަރީއެއްވެސް ހަދާފައިވާ ކަމަަށެވެ. އެ ސާޖަރީތައް ކާމިޔާބު ކަމަށްވެސް ބުނެފައިވެއެވެ.

އެޑީކޭ އިން ބުނީ ސާޖަރީތަކަށް 16 ގަޑިއިރު ހޭދަވިއިރު މިވަގުތު އެމަނިކުފާނު އޮންނެވީ އައިސީޔޫގައި ކަމަަށެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވީ ގިނަ ސާޖަރީތަކެއް ހައްދަވަން ޖެހިވަޑައިގަތުމާއި އަދި އެމަނިކުފާނުގެ އެތެރެ ހައްޓަށްވެސް ބައެއް ޒަހަމުތައް ލިބިފައިވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ރައީސް ނަޝީދު ބޭރަށް ގެންދިއުމުގެ އިންތިޒާމު ކުރަމުންދާ ކަމަށެވެ. ރައީސް ނަޝީދު ގެންދަވަނީ ސިންގަޕޫރަށް ކަމަށްވެސް އެނގިފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އާއިލާގެ ބޭފުޅަކު އެކަން ޔަގީން ކޮށްދެއްވިއެވެ.

ރޭގެ ހަމަލާގައި ފަސް މީހަކަށް އަނިޔާވި އެވެ. އެއީ ސިފައިންގެ ތިން އޮފިސަރުންނާއި ދިވެއްސަކާއި ބިދޭސީ އެކެވެ.