ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިނގިރޭސިވިލާތަށް ދާ ދިވެހިންނަށް 10 ދުވަހުގެ ކަރަންޓީނެއް

ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ އިނގިރޭސިވިލާތުން ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅިގެން ރާއްޖެ އިން އެގައުމަށްދާ މީހުން 10 ދުވަހު ކަރަންޓީނު ވާން ޖެހޭނެ ކަމަށް ނިންމައިފި އެވެ.

އިނގިރޭސި ސަރުކާރުން "ރެޑް-ލިސްޓް" ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނަން ނިންމުމާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެގައުމަށް ދާ މީހުން 10 ދުވަހު ކަރަންޓީނު ވާން ޖެހޭނެ އެވެ.

އިނގިރޭސި ސަރުކާރާއި ހަވާލާދީ ފޮރިން މިނިސްޓްރީން ބުނީ އިނގިރޭސިވިލާތާއި އަޔަލެންޑް އަދި ޔޫކޭގެ ރަށްވެހިކަމުގެ ހައްގު ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ގައުމުތަކުގެ މީހުން އެ މުއްދަތުގައި ކަރަންޓީނު ފުރިހަމަ ނުކޮށް އެ ގައުމަށް އެތެރެވުން މަނާ ވާނެ ކަމަށެވެ.

މީގެ އިތުރުން އިނގިރޭސިވިލާތަށް އެތެރެވާން ހުއްދަ ލިބިފައިވާ ގައުމުތަކުގެ ރައްޔިތުން ވެސް އެގައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ނަމަ އެގައުމުގައި ކަރަންޓީނު ވާން ޖެހެ އެވެ. އަދި ކަރަންޓީނުވާ ދެވަނަ ދުވަހާއި އަށްވަނަ ދުވަހު ކޮވިޑް ޓެސްޓް ހަދަންޖެހެ އެވެ.

މި ނިންމުމަށް ބަދަލު އައިސްދާނެތީ އިނގިރޭސިވިލާތައް ދާ ފަރާތްތަކުން ދުރާލާ މައުލޫމާތު ސާފުކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިނގިރޭސި ސަރުކާރުން ރާއްޖެ ރެޑް-ލިސްޓް ކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވަމުން ދާތި އެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކު ރާއްޖެއިން އަންނަނީ އާ ރިކޯޑެއް ހަދަމުންނެވެ. އެގޮތުން އިއްޔެ އާއި އޭގެ ކުރީ ދުވަހު ރާއްޖެ އިން ވަނީ 700 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި ނުވަ މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.