މާލޭ ސަރަހައްދުގައި ދުވާލު ގަޑީގައި އަނެއްކާ ވެސް ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމް މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށިފަހުން ރޯދަ މަސް ފެށުމާ ހަމައަށް ވެކްސިން ދެމުން އައީ ހެނދުނު އެވެ. އެކަމަކު ރޯދަ މަސް ފެށުމާއެކު ވެކްސިން ޖަހައިދެމުން އައީ ރޭގަނޑު އެވެ.
ވެކްސިން ދިނުން މާލެ ސަރަހައްދުގައި ދުވާލުގެ ވަގުތުގައި އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް ރޭގަނޑު 9:00 އިން ފެށިގެން ބޭރުގައި އުޅުން މަނާ ކުރުމާ ގުޅިގެންނެވެ.
ވެކްސިން ދޭ ގަޑިތަކަށް ބަދަލު ގެނެސް މިހާރު ވެކްސިން ދެނީ ހެނދުނު 9:00 އިން 11:00 އަށެވެ.
އެޗްޕީއޭ އިން ބުނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ލިބުމުގައި މިވަގުތު ދަތިކަމެއް އުޅޭތީ މިހާރު ޖަހައިދެނީ ސައިނޯފާމް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ކަމަށެވެ. ސައިނޯފާމްގެ ދެވަނަ ޑޯޒް ދޭނީ މާޗު މަހުގެ 22 ވަނަ ދުވަހާއި އޭޕްރީލް 10 ވަނަ ދުވަހާ ދޭތެރޭގައި ވެކްސިން ޖަހާފައިވާ މީހުންނަށެވެ. ވީހާވެސް ލަހުން ހާރު ކެއުމަށްފަހު ހެނދުނު ވީހާވެސް އަވަހަށް ވެކްސިން ޖަހަން ދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭ ސަރަހައްދުގެ ތިން ސެންޓަރަކުން ވެކްސިން ދޭން އެޗްޕީއޭ އިން ވަނީ ނިންމާފަ އެވެ. އެއީ މާލޭގެ އާޓް ގެލެރީގައި ހުންނަ ވެކްސިން ސެންޓަރާއި ވިލިމާލޭ ޔޫތް ސެންޓަރުގައި ހުންނަ ވެކްސިން ސެންޓަރާއި ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުންނަ ވެކްސިން ސެންޓަރެވެ.
މިހާތަނަށް 300،438 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 126،790 މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ.