ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ފުރަތަމަ ފަހަރަށް އެމަނިކުފާނު ވާހަަދައްކަވައިފި އެވެ.
ހަމަލާދިނުމަށް ބޭނުންކުރި އީއައިޑީގެ ބާރު ގަދަކުރުމަށް ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަކެއް ރައީސް ނަޝީދުހެ ހަށިގަނޑުގެ އެގާރަ ދިމާލަކަށް ވަދެ ފުން ޒަހަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށް އެނގިފައިވެ އެވެ.
ހަމަލާއާއި ގުޅިގެން ލިބުނު ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ހަތަރު ސާޖަރީއެއް ވަނީ ހަދާފަ އެވެ. އެހެންވެ މިއަދު ހެނދުނާ ހަމައަށް އެމަނިކުފާނު އޮންނެވީ ވެންޓިލޭޓަރުގަ އެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޝިދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ވެންޓިލޭޓަރުން ރައީސް ނަޝީދު ނަގާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މަންމައާއި ބައްޕައާއި މިއަދު ބައްދަލުކުރައްވާ "މަ ރަނގަޅޭ" ވިދާޅުވި ކަމަށް ނާޝިދާ މައުލޫމާތު ދެއްވާފައިވެ އެވެ.
ރައީސް ނަޝީދުގެ ބޭބެ، ޑރ. އިބްރާހީމް ނާޝިދު ވިދާޅުވީ ފަރުވާ އަށް ފަހު އެމަނިކުފާނު ރަނގަޅުވަމުން އަންނަ ގޮތާ މެދު ޑޮކްޓަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި ކުރިއަށް ވުރެ ގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވާފައިވާ ކަމަށްވެސް ނާޝިދު ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދުގެ މަންމަ އާބިދާ މުހައްމަދާއި ބައްޕަ އަބްދުއްސަތާރު މިއަދު އޭޑީކޭ އަށް ވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރެއްވިއިރު މިއީ ހަމަލާއަށް ފަހު އެ ދެ ބޭފުޅުންނަށް ވެސް އެމަނިކުފާނާ ބައްދަލުކުރެވުނު ފުރަތަމަ ފަހަރު ކަމަށް އެނގިފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާ ދީފައިވަނީ ނީލޯފަރު މަގުގައި ހުންނަ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއިން އެމަނިކުފާނު ނިކުމެވަޑައިގެން މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް އެރޭ 8:27 ހާއިރު އެވެ.
ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ސާޖަރީތައް ހެދުމަށްފަހު މިވަގުތު އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.