ނަޝީދަށް އަމާޒު ކުރި ހަމަލަ

ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ކިރިޔާ: އޭޑީކޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިޒަމްގެ ހަމަލަގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭ އިން ބުނެފި އެވެ. އޭޑީކޭ އިން ބުނީ އެ ހަމަލާ އާއި ގުޅިގެން އެމަނިކުފާނުގެ ހަށިގަނޑަށް ވަދެފައިވާ ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަށް ވަތް އެތިކޮޅެއް، އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް އެމަނިކުފާނުގެ ހިތަށް ވަންނާނެ ކަމަށެވެ.

ރައީސް ނަޝީދަށް ލިބިފައިވާ ޒަހަމުތަކުގެ މައުލޫމާތު ދިނުމަށް އޭޑީކޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ގެ ޓީމުން ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް ވަދެފައިވާ ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަަށް ވެދެފައިވާ އެތިކޮޅުތައް ހުރީ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އޭޑީކޭ އަށް ރައީސް ނަޝީދު ގެންގޮސްފައިވަނީ ރޭގަނޑު 8:30 ހާއިރު ކަމަށެވެ. އަދި 10 މިނެޓް ތެރޭ އޮޕަރޭޝަން ތިއޭޓަރަށް އެމަނިކުފާނު ބަދަލުކޮށްފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ބުނީ ރައީސް ނަޝީދުގެ ބޭރުފުށުން ލިބިފައިވާ ގެއްލުން ތަކުގެ އިތުރުން އެތެރެ އަށް ލިބިފައި ހުރި ގެއްލުންތަން ބެލުމަށް ސީޓީ ސްކޭނެއް ވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަދެފައިވާ ކަމަށެވެ.

ޑޮކްޓަރުންގެ ޓީމުން އިތުރަށް ބުނި ގޮތުގައި ރައީސް ނަޝީދަށް ފަރުވާ ކުރުމަށްޓަކައި މައިގަނޑު ހަތަރު ސާޖަރީ އެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޑރ. ނިޔާފް ވިދާޅުވީ ޑޮކްޓަރުން ބޮޑަށް ފަރިތަވެފައި ހުންނަނީ ލޭ ހޮޅިތަކުގައި ހުންނަ ގަނޑު ލޭކޮޅުތައް ނަގަން ކަމަށާއި އޮމާންކޮށް ހުންނަ ދަގަނޑުކޮޅު ފަދަ އެއްޗެހި އެފަދަ ގޮތަކަށް ހަށިގަނޑުގެ އެތެރެއަށް ވަދެފައި ހުރުމުން އެ ދަގަނޑު ކޮޅުތައް ނެގުން ވީ އުނދަގޫ ކަމަކަށް ކަމަށެވެ.

ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި މިއަދު ހެނދުނު ނަޝީދު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އަދި މިހާރު ނޭވާލުމުގައި އެއްވެސް ދަތިކަމެއް ފާހަގަ ނުވާކަމަށް ވެސް އެ ޓީމުން ބުންޏެވެ. ޑޮކްޓަރުން ބުނި ގޮތުގައި ރައީސް ނަޝީދުގެ ލޭގެ ޕްރެޝަރު ހަމަޔަކަށް އަޅުވަން ދިން ބޭސް ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ޑޮކްޓަރުން ބުނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައި ވާތީ އިންފެކްޝަނެއް އުފެދުމަށް ވަރަށް ގާތް ކަމަށާއި އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.