ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާދިން ވީޑިއޯއާ، ހައްޔަރުކުރި މީހުންގެ މައުލޫމާތު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެން ދަނީ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ހަށިފާރަވެރިންނާއެކު ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ ހަމައަށް ވަޑައިގަންނަވަނިކޮށް ކާރުކޮޅާ ވަރަށް ކައިރިއަށް އެމަނިކުފާނު ވަޑައިގެންނެވުމާއެކު ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ. ވީޑިއޯ އިން ފެންނަ ގޮތުން ވަރަށް ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރު ފެނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ހާދިސާ ހިނގިއިރު އެ ސަރައްހަދުގައި ގިނަ ބަޔަކު ތިބި މަންޒަރު ފެނެއެވެ. ފުލުހުން ބުނީ އެ މީހުންނަކީ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތު ފޯރުކޮށް ދެވިދާނެ މީހުން ކަމަށެވެ.

"ހާއްސަކޮށް މި މަންޒަރު، ހާދިސާ ހިނގުމުގެ ކުރީންސުރެ އެ ސަރަހައްދުގައި ތިބި ބޭފުޅުންނަށް އެ ބޭފުޅުން އެ ތިއްބެވި ތިއްބެވުމުގައި އެއްވެސް ފާހަގަކުރެވޭ ކަމެއް އެއްވެސް މީހެއްވިޔަސް އެއްވެސް ޝައްކު ކުރެވޭ ކަހަލަ އަމަލެއް ކުރަނިކޮށް ފެނުނު ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ފުލުހުންނާއި އެ މައުލޫމާތު ހިއްސާކުރެއްވުމަށް،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ. ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަލީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތުވެސް އާންމުކޮށްފައެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ އެކަކީ މިއީ ކަަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރު މިހާތަނަށް ދެނެގެވިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.

"ހަގީގަތުގައި މީނައަކީ [ފޮޓޯގައިވާ މީހާ] ދިވެހި ފުލުހުން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު ފަރާތް މި މައްސަލައާ ގުޅިގެން. މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހާދިސާއާ ގުޅުންހުރި ފޮޓޯއާއި އަދި މީނަ ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

އޭސީޕީ ރިޔާޒު ވިދާޅުވީ އެއްޗެއް ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ނަންބަރު ބޯޑް ބަދަލުކޮށްފައިވާ ކަމަށާ ސައިކަލުގެ އިންޖީނު ނަންބަރު ވަނީ ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފޮރެންސިކް ޓީމުގެ މަސައްކަތުން ވަނީ އިންޖީނު ނަންބަރު ހޯދާފައެވެ. ސައިކަލުގެ ވެރި ފަރާތް ދެނެގެންފައިވަނީ އެ މައުލޫމާތުތަކުގެ އަލީގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބުނީ ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފާހަގަކުރެވި އެ މީހުންގެ ހަރަކާތްތަކަށް ފާރަވެރިވަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކަކާ ބެހޭ މާގިނަ މައުލޫމާތުތަކެއް ލިބިފައި ނެތް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ މިހާތަނަށް ތުހުމަތު ކުރެވެނީ ހަތަރު މީހަކަށް ނަމަވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިވަރުގެ ހަމަލާއެއް ދިނުމުގައި ގިނަ ބައެއްގެ ބައިވެރިވުން އޮތުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ހަމަލާގެ ތުހުމަތަށް ހައްޔަރު ކުރެވޭ ކޮންމެ މީހެއްވެސް ހައްޔަރުކުރާނީ އެކަށީގެންވާ ކޮންމެވެސް ހެއްކެއް ހުރެގެން ކަމަށެވެ. އެ ކަމުގައި އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާ ނަމެއްގައި ބަޔަކު ހައްޔަރެއް ނުކުރާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމު މިއަދު ރާއްޖެ އައިސް ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.