ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާ ޓީމް ރާއްޖެ އަތުވެއްޖެ

May 8, 2021
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގު ކުރުމަށްޓަކައި އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ އޮސްޓްރޭލިއާ އިން ފޮނުވައިދެއްވި ބޭފުޅުން ރާއްޖެ ވަޑައިގެން މިއަދު ހެނދުނު 11:00 އިން ފެށިގެން ތަހުގީގުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުންގެ ޓީމެއް ވިދާޅުވެފައެއް ނުވެ އެވެ.

އޮސްޓްރޭލިއާގެ ޓީމެއް ރާއްޖެ އައިސްފައި މިވަނީ ދިވެހި ސަރުކާރުން އެހީތެރިކަމަށް އެދުމުންނެވެ.

ސީޕީ ވިދާޅުވީ މިހާރު ކުރިއަށްދާ ތަހުގީގަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ލަންޑަންގެ މެޓްރޮޕޮލިޓަންގެ ކައުންޓަ ޓެރަރިޒަމް ކޮމާންޑްގެ އިސް އޮފިސަރަކު މާދަމާ ރައްޖެ ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ތަހުގީގު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާ އާއި އިންޑިއާ އިން ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ ދެ ގައުމުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަކަށް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ހަމަލާދިން ވަގުތު އެ ސަރަހައްދުން ރެކޯޑް ކޮށްފައި ހުރި ސީސީޓީވީ ފްޓޭޖެއް ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވަނީ ދައްކާލާފަ އެވެ. މަންޒަރު ފެންނަ ގޮތުން އެއީ ބޮޑު ގޮވުމެކެވެ.

ހަމަލާއަށް ފަހު ލިބުނު ޒަހަމްތަކާ ގުޅިގެން ރައީސް ނަޝީދުގެ ހަތަރު ސާޖަރީއެއް ހެދުމަށްފަހު އެމަނިކުފާނަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.