ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި -- ފޫދުއްވާލި -- ގޮތުގެ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ނިންމައިފި އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ދުސްތޫރީ ޒިންމާއެއް ކަމަށާ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެރޭ މެންދަމު 12:55 ގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލްވުމުގައި ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް މި މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ.
އަދި މި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މި މައްސަލައަށް ބޭނުންވާ ހެކި ހޯދުމާށާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލް ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެ ކޮމެޓީން އެދިފައިވާ ކަމަށެވެ.
އަދި މިރޭ ބޭއްވި ކޮމެޓީގެ ބައްދަލްވުމުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދެމުން ދަނިކޮށް ރައްކާތެރިކަން ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ރޭ އޮތް އެމްއެންޑީއެފްގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އޮފް ޑިފެންސް ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް މައުލޫމާތު ދެއްވާފައެވެ.
ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް އަބަދު އިންޒާރު ލިބޭތީ އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބަލައި އެވަގުތަކުން ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ރައީސް ނަޝީދާ އެކު ބޮޑީގާޑުން އަބަދުވެސް ހަރަކާތްތެރިވާނީ ލީތަލް ހަތިޔާރާ އެކު ކަންވެސް ފާހަގަކުރެއްވި އެވެ. ދައުލަތުގެ އެހެން ބާރެއް ކަމުގައިވާ ޝަރުއީ ދާއިރާގެ އެންމެ އިސް ބޭފުޅާ، އުއްތަމަ ފަނޑިޔާރާއި ކުރީގެ އެހެން ރައީސުންނަށް ވުރެ މާ މަތީ ދަރަޖައެއްގައި ނަޝީދުގެ ސެކިއުރިޓީ ކަންކަން އަބަދުވެސް ބަލަމުންދާ ކަން ވެސް ޔަގީންކޮށްދެއްވި އެވެ.
"އެ މަނިކުފާނު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސަށް ޓީމުތައް ފޮނުވައިގެން ކުރަންޖެހޭ ސްކްރީންތައްކޮށް ގޮވާ އެއްޗެއް ބާއްވަފާނެ ކަމަށް ލަފާކޮށް ފޮނުވާ އެޑްވާންސް ޓީމުތަކުން ދަނީ އެސެސް ކޮށް ސެނިޓައިޒް ކުރަމުން،" ޝަމާލް ވިދާޅުވި އެވެ.
މާލެއިން ބޭރުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އެރޭ ގެއިން ނިކުމެވަޑައިގަތީ 8:25 ހާއިރު ކަމަށާއި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށުގައި ސިފައިންގެ ޓީމެއް ދުރާލައި ގޮސް ތިބި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު މާލެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އެއް ނަންބަރު ފާލަމުން ކަމަށްވާތީ ފާލަން ކައިރީގައިވެސް ދުރާލައި ޓީމެއް އޮތް ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނީ 8:27 ހާއިރު ކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ 8:35 ހާއިރު ރައީސް ނަޝީދު އޭޑީކޭ އަށް ގެންދެވުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް އަރިހުގައި ތިއްބެވި ސިފައިން ގެންދެވީ އެމަނިކުފާނަށް ވަމުން ދިޔަ ގޮތް ބަލައި ހާލު އޮޅުންފިލުއްވަމުން ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ގޯޅިން ނިކުމެވަޑައިގެން އެ ގޯޅީގެ ކޮޅަށް މަޖީދީ މަގަށްވާ ގޮތަށް އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކައިރީ ޕާކް ކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އެއްޗެއް ގޮއްވާލައިގެންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝަމާލް ވިދާޅުވީ އެ ގޯޅިއަކީ ހަނި ގޯޅިއަކަށް ވެފައި ގިނަ އަދަދެއްގެ ސައިކަލް އަބަދުވެސް ޕާކް ކުރާ ގޯޅިއަކަށް ވާތީ ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެކަމަކު ރޭގައި ހަމަލާދީފައިވަނީ އެ ގޯޅީގައި ސައިކަލް ޕާކް ނުކުރެވޭ ގޮތް ހެދުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދިފައި ވަނިކޮށް އެކަމަށް ހައްލެއް ނުލިބި އޮއްވާ ކަންވެސް ފާހަގަކުރެއްވި އެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯ ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެން ދަނީ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ހަށިފާރަވެރިންނާއެކު ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ ހަމައަށް ވަޑައިގަންނަވަނިކޮށް ކާރުކޮޅާ ވަރަށް ކައިރިއަށް އެމަނިކުފާނު ވަޑައިގެންނެވުމާއެކު ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ. ވީޑިއޯ އިން ފެންނަ ގޮތުން ވަރަށް ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރު ފެނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ ހާދިސާ ހިނގިއިރު އެ ސަރައްހަދުގައި ގިނަ ބަޔަކު ތިބި މަންޒަރު ފެނެއެވެ. ފުލުހުން ބުނީ އެ މީހުންނަކީ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތު ފޯރުކޮށް ދެވިދާނެ މީހުން ކަމަށެވެ.
"ހާއްސަކޮށް މި މަންޒަރު، ހާދިސާ ހިނގުމުގެ ކުރީންސުރެ އެ ސަރަހައްދުގައި ތިބި ބޭފުޅުންނަށް އެ ބޭފުޅުން އެ ތިއްބެވި ތިއްބެވުމުގައި އެއްވެސް ފާހަގަކުރެވޭ ކަމެއް އެއްވެސް މީހެއްވިޔަސް އެއްވެސް ޝައްކު ކުރެވޭ ކަހަލަ އަމަލެއް ކުރަނިކޮށް ފެނުނު ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ފުލުހުންނާއި އެ މައުލޫމާތު ހިއްސާކުރެއްވުމަށް،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ. ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަލީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތުވެސް އާންމުކޮށްފައެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ އެކަކީ މިއީ ކަަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރު މިހާތަނަށް ދެނެގެވިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
"ހަގީގަތުގައި މީނައަކީ [ފޮޓޯގައިވާ މީހާ] ދިވެހި ފުލުހުން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު ފަރާތް މި މައްސަލައާ ގުޅިގެން. މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހާދިސާއާ ގުޅުންހުރި ފޮޓޯއާއި އަދި މީނަ ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.
އޭސީޕީ ރިޔާޒު ވިދާޅުވީ އެއްޗެއް ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ނަންބަރު ބޯޑް ބަދަލުކޮށްފައިވާ ކަމަށާ ސައިކަލުގެ އިންޖީނު ނަންބަރު ވަނީ ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފޮރެންސިކް ޓީމުގެ މަސައްކަތުން ވަނީ އިންޖީނު ނަންބަރު ހޯދާފައެވެ. ސައިކަލުގެ ވެރި ފަރާތް ދެނެގެންފައިވަނީ އެ މައުލޫމާތުތަކުގެ އަލީގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.