ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި ފުލުހުން ހޯދަން ބޭނުންވާ އެންމެ މުހިއްމު މީހާގެ ގޮތުގައި މިއަދު ހައްޔަރުކުރީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ކަން އަވަސް އެނގިއްޖެ އެވެ.
ފުލުހުން އަދި އޭނާގެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެ އެވެ. އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) އިންނެވެ.
ހަމަލާ ދިނީ ބްރާސްފަތި ދުވަހު ކަމަށްވާއިރު އޭނާ ގެއަށް ދިޔައީ ހުކުރު ދުވަހު އިރުއެރި ފަހުން ކަމަށްވެސް އެނގިފައިވެ އެވެ.
އަވަސް އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދެއްވަމުން ވިދާޅުވީ އަދުހަމަކީ ތިނަދޫ މީހަކަށް ވިޔަސް ވަރަށް ކުޑައިރު މާލެ ބަދަލުވި ގޮތަށް ވަރަށް މަދުން ނޫނީ އޭނާ އެރަށަށް ވެސް ނުދާ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ފަރާތުން ވިދާޅުވީ އެއްޗެއް ގޮއްވާލަން އުޅުމުގެ ތުހުމަތުގައި މީގެ ކުރިން ވެސް އަދުހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހެކި ނެތިގެން ދޫކޮށްލި ކަމަށް އެނގިފައިވާ ކަމަށެވެ.
"ހަގީގަތުގައި އަދުހަމް ނުރައްކާތެރިކޮށް އުޅުނަސް އޭނާގެ އާއިލާ އަކީ މީހުންނަށް ހެޔޮ ރަނގަޅު އާއިލާއެއް. އެ އާއިލާގެ އަދުހަމް އުޅޭހެން އުޅޭ އެކަކުވެސް ނޫޅޭނެ،" މައުލޫމާތު ދިން ބޭފުޅާ ވިދާޅުވެފައިވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އަދުހަމަކީ 2013 ގައި އެފްއޭއެމުން އެކުލަވައިލި އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ. އެފްއޭއެމްގެ ބެސްޓް ޔޫތް ޕްލޭޔާ އެވޯޑް ވެސް 2011 ވަނަ އަހަރު އޭނާ ހޯދާފައިވާ ކަމަށް އެނގިފައިވެ އެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން އިއްޔެ ވެސް ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.
މި ހަމަލާއާއި ގުޅިގެން ހަތަރު ވަނަ މީހަކު ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެމީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.