މުހައްމަދު ހަމީދު

ސީޕީގެ އިންޒާރެއް: ހަމަލާގައި ބައިވެރިވި އެންމެންގެ ފަހަތުން ތަހުގީގު ދާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު، ހަމަލާ ދިނުމަށް ބޭނުންކުރި ޑިވައިސް ގޮއްވާލި މީހުން ހޯދުމަށް ފަހު ހުއްޓާނުލާނެ ކަމަށާ އެ ހަމަލާ ރޭވުމުގައި ކިތަންމެ ކުޑަ ދައުރެއް އަދާކުރި މީހަކު ހުރިނަމަވެސް ހުރިހާ އެންމެ ހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ތުހުމަތު ކުރެވި އޭގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޑިވައިސް ގޮއްވާލި ކަމުގެ ތުހުމަތު އޮތް ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދި މުޖާޒް އަކީ އެ ހަމަލާއަށް ފަހު އަދުހަމްއާ ބައްދަލުކުރި މީހެކެވެ. އެ ދެ މީހުން ވަނީ މާލޭގެ އެކި ޕާކުތަކަށް ގޮސް އެ ތަންތަނުގައި ތިބެ އެކި މަޝްވަރާތައް ކޮށްފައެވެ.

ފުލުހުންގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޓެރަރިސްޓް ހަމަލާ ރޭވުމަށް އަދި ބަޔަކު މީހުން ބޭނުން ކޮށްގެން މި ހަމަލާ ދިނުމަށް ބަޔަކު ރާވާފައިވާނަމަ އެއިން ކޮންމެ މީހެއްގެ ފަހަތުން ފުލުހުންގެ ތަހުގީގު ޓީމު ދާނެ ކަމަށެވެ. ސީޕީ ވިދާޅުވި ގޮތުގައި މައްސަލައިގެ ސްކޯޕް އޮތީ ހަމައެކަނި ޑިވައިސް ބޭނުން ކޮށްގެން ގޮއްވާލި މީހުން ހޯދާކަށް ނޫނެވެ.

"މިފަދަ ޓެރަރިސްޓް ހަމަލައެއް ނުވަތަ ހަމަލާއެއް ބަޔަކު މީހުން ބޭނުން ކޮށްގެން ނުވަތަ ބަޔަކު މީހުންގެ ތެރޭގައި ރާވައިގެން ހިންގުމަށްޓަކައި ބައިވެރިވި ނުވަތަ ރޯލެއް އަދާކޮށްފައިވާ ފަރާތެއްވާނަމަ އެ ހުރިހާ ފަރާތެެއްގެ ފަހަތުން އަޅުގަނޑުމެންގެ ތަހުގީގު ދާނެ. އަޅުގަނޑުމެން މިހާރު މި ހައްޔަރުުކުރީ ތިން ފަރާތެއް. ނަމަވެސް ތަހުގީގުގެ ސްކޯޕް އޮތީ ހަމައެކަނި މި ޑިވައިސް ބޭނުން ކޮށްގެން ގޮއްވާލި މީހުން ހޯދާފައި ނިންމާލާކަށް ނޫން. މި ތަހުގީގުގެ ސްކޯޕަކީ މީގައި ބައިވެރިވާ ހުރިހާ މީހުން ހޯދާ އެ މީހުންނާމެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުން،" ސީޕީ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅުންހުރި ވަރަށް ތަފްސީލު މައުލޫމާތުތައް މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި ގޮއްވާލުމުގެ ކުރީން އަދުހަމުގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ސީސީޓީވީ ފްޓޭޖަކާއި ގޮއްވާލުމަށް ފަހު އޭނާ އެކި މަގުތަކުން ހިނގާފައިދާ މަންޒަރުތައް ވަނީ ދައްކާފައެވެ. އަދުހަމް ވަނީ ޒިކުރާ މިސްކިތަށް ވަދެ އެ މިސކްިތުގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ނިކުމެގެން ގޮސްފައެވެ. އަދި މިހާތަނަށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން މުޖާޒުއާ ބައްދަލުކޮށްފައިވެއެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ހަމަލާ ދިނުމަށް ފަހު އޭނާ ގެއަށް އައިސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށް އެނގިފައިވެއެވެ. އެހެން ކަމުން އޭނާ ފިލުވުމަށް ބަޔަކު އެހީތެރިވި ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އަދުހަމް ފޮރުވުމަށް އާއިލާއިން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތެއް އަދި ނެތް ކަމަށެވެ. އަދި އަދުހަމް ފޮރުވަން މަސައްކަތް ކޮށްގެން މިހާތަނަށް ވަކި ބައެއް ނުވަތަ މީހެއްގެ މައްޗަށް ތަހުގީގު ފަށާފައިނުވާ ކަމަށެވެ.