ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި ފުލުހުން ހޯދަން ބޭނުންވާ އެންމެ މުހިއްމު މީހާގެ ގޮތުގައި މިއަދު ހައްޔަރުކުރި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އޭނާގެ ސިފައަށް ބަދަލު ގެނެސް ފުލުހުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) އިންނެވެ. ހަމަލާ ދިނީ ބްރާސްފަތި ދުވަހު ކަމަށްވާއިރު އޭނާ ގެއަށް ދިޔައީ ހުކުރު ދުވަހު އިރުއެރި ފަހުން ކަމަށްވެސް އެނގިފައިވެ އެވެ.
އަދުހަމް ހައްޔަރުކުރި ކުރުމަށް ފަހު އެކަމުގެ މައުލޫމާތު ހާމަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އޭނާ ހައްޔަރުކުރި ވަގުތު ތުނބުޅި ކޮށާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލުގެ އިސްތަށިގަނޑު ތުނިކުރަން މަސައްކަތް ކޮށްފައިވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އަދުހަމަކީ 2013 ގައި އެފްއޭއެމުން އެކުލަވައިލި އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ. އެފްއޭއެމްގެ ބެސްޓް ޔޫތް ޕްލޭޔާ އެވޯޑް ވެސް 2011 ވަނަ އަހަރު އޭނާ ހޯދާފައިވާ ކަމަށް އެނގިފައިވެ އެވެ.
ފިލުވުމުގެ ތުހުމަތެއް އަދި ނެތް
ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅުންހުރި ވަރަށް ތަފްސީލު މައުލޫމާތުތައް މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި ގޮއްވާލުމުގެ ކުރީން އަދުހަމުގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ސީސީޓީވީ ފްޓޭޖަކާއި ގޮއްވާލުމަށް ފަހު އޭނާ އެކި މަގުތަކުން ހިނގާފައިދާ މަންޒަރުތައް ވަނީ ދައްކާފައެވެ. އަދުހަމް ވަނީ ޒިކުރާ މިސްކިތަށް ވަދެ އެ މިސކްިތުގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ނިކުމެގެން ގޮސްފައެވެ. އަދި މިހާތަނަށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން މުޖާޒުއާ ބައްދަލުކޮށްފައިވެއެވެ.
އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ހަމަލާ ދިނުމަށް ފަހު އޭނާ ގެއަށް އައިސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށް އެނގިފައިވެއެވެ. އެހެން ކަމުން އޭނާ ފިލުވުމަށް ބަޔަކު އެހީތެރިވި ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.
އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އަދުހަމް ފޮރުވުމަށް އާއިލާއިން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތެއް އަދި ނެތް ކަމަށެވެ. އަދި އަދުހަމް ފޮރުވަން މަސައްކަތް ކޮށްގެން މިހާތަނަށް ވަކި ބައެއް ނުވަތަ މީހެއްގެ މައްޗަށް ތަހުގީގު ފަށާފައިނުވާ ކަމަށެވެ.