މޯލްޑިވްސް ޕޮލިސް ސާވިސް

ޓެރަރިޒަމަށް ވާގިދީ ކޮމެންޓް ކުރާ ނަމަ ފިޔަވަޅު އަޅަނީ

ޓެރަރިޒަމުގެ އަމަލުތަކަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ވާހަކަދައްކާ މީހުންނާއި ނޫސްތަކަށް އެގޮތަށް ކޮމެންޓް ކުރާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން އެފަދަ އިންޒާރެއް ދީފައި މިވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މިބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ ޓެރަރިޒަމުގެ އަމަލުތަކަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާއި ނޫސްތަކަށް ކޮމެންޓް ކުރުމަކީ ވެސް ޖިނާއީ ކުށެއް ކަން ތަކުރާރުކޮށް ހަނދާންކޮށްދީފަ އެވެ.

ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެކަމަށް ހިތްވަރުދީ އަދި އެކަމަށް ތައުރީފްކޮށް ބައެއް މީހުން ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާ ކަމަށެވެ. އެގޮތުން ކާކު ކަން އެނގޭ ގޮތަށާއި އަދި ކާކު ކަން ނޭނގޭ ގޮތަށް ވެސް ބައެއް މީހުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާ، ކޮމެންޓް ކޮށް ހަދާތީ އެފަދަ މީހުންގެ އެކައުންޓްތަކާއި އެމީހުންގެ މައުލޫމާތު ނެގުމަށްފަހު އާކައިވް ކުރާނެ ކަމަށެވެ.

"މިބާވަތުގެ ޓެރަރިޒަމުގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފްކޮށް، ހިތްވަރުދީ އަދި ޝައުގުވެރިކުރުވުން ނޫނީ ތާއީދުކުރާ ކަމަށް ދެއްކުމަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް. އަދި އެހެން ގާނޫނުތަކުން ވެސް އެއީ އަދަބު ކަނޑަޅިފައިވާ ޖިނައީ ކުށްތަކެއް،" ހަނދާން ކޮށްދެއްވަމުން ވިދާޅުވި އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާއާއި ނޫސްތަކުގެ ކޮމެންޓް ބައިގައި ވާހަކަ ދައްކާނަމަ އެފަދަ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ މުހައްމަދު ހަމީދު ވެސް ވިދާޅުވީ ސޯޝަލް މީޑިއާގައި އަދި ނޫސްތަކުގެ ކޮމެންޓް ބައިގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް މީހުން ވާހަކަދައްކަމުންދާ ކަމަށެވެ. އެހެންކަމުން އެކަން ނުކުރަން ހަނދާން ކޮށްދެއްވަމުން ސީޕީ ވަނީ ނޫސްތަކުން ވެސް އެފަދަ ކޮމެންޓްތައް އާންމު ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ. އެ މާއްދާގެ (ށ)ގައި "ހިތްވަރު ދިނުން" ކަމަށް ބުނެފައިވަނީ މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރު ދޭ ކަމެއް ކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުމަށެވެ. އެގޮތަށް ފެންނަ ފެނުން އެއީ ކުށެއް ކަމަށް ކޯޓުން ކަނޑައަޅާއިރު އެފަދަ ބުނުމެއް ނުވަތަ ބަޔާނެއް މުއާމަލާތް ކުރި ގޮތް ބެލޭނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.

ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށްވެސް ގާނޫނުގައިވެ އެވެ.