ދުނިޔެ

ޗައިނާ ރޮކެޓް ބިމަށް ދަމާގަތީ ކީއްވެ؟

ޗައިނާއިން ޖައްވުގައި ސްޕޭސް ސްޓޭޝަނެއް ބިނާކުރަނީ އެވެ. ސްޓޭޝަން ފުރިހަމަކުރަނީ ފަހަރަކު މޮޑިއުލްއެއް ގެންގޮސް ރާވައިގެންނެވެ. އެގޮތުން އެޕްރީލް 29 ގައި މައިމޮޑިއުލް ޖައްވަށް ގެންދިއަ ބިޔަ ރޮކެޓްގެ އެތިގަނޑެއް ކޮންޓްރޯލް ގެއްލި އިންޑިއާ ކަނޑަށް، ދިވެހިރާޖެ ކައިރިއަށް އާދީއްތަ ދުވަހު ވަނީ ވެއްޓިފަ އެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނީ މިއީ ޗައިނާ އިން ޒިންމަދާރުކަމެއް ނެތި ކުރި ކަމެއް ކަމަށެވެ. މި ރޮކެޓް ބިމަށް ދަމައި ގަތީ ކީއްވެގެން ހެއްޔެވެ؟

ޖައްވުން ބިމަށް ވެއްޓޭ ގިނިހިލަ ފަަދަ ތަކެތި ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމާއެކު ރޯވެ އެވެ. މަދު މިންވަރެއް ނުވަތަ ކުޑަ އެތިކޮޅެއް ނޫނީ ބިމަކަށް ނުފޯރަ އެވެ. ވައިގެ ތެރޭގައި އަނދާހުލިވަނީ އެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ބޭނުންވާ ބައިތައް ނުވަތަ ސެޓެލައިޓް އުފުލުމުގައި ރޮކެޓްތައް ޖައްވަށް އަރަމުންދަނީ އެކި އުސްމިނުން އެކި ބައިތައް ދޫކުރަމުންމެވެ. އެއީ އެހިސާބުން އެބައިތަކުގެ ބޭނުންކެނޑުމުންނެވެ. މިގޮތަށް ދޫކުރާ ބައިތައް ދުނިޔޭގެ ވައިގެ ފަށަޅާގައި އަނދާހުލިވެ އެވެ. ބައެއް ފަހަރު ބާކީ އެތިކޮޅުތައް ފުންކަނޑަށް ވެއްޓި ގެއްލެ އެވެ. މަދު ފަހަރެއްގައި ނޫނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް އޭގެ އަސަރެއްނުކުރެ އެވެ. އެހެން ނަމަވެސް ޖައްވީ ހަޔާތުގައި މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ރޮކެޓް މޮޑިއުލް ބިމަށް ދަމައިގަތް ސަބަބު

ޗައިނާއިނާގެ "ލޯންގް މާޗް 5ބީ" މަރުކާގެ ރޮކެޓް މި ފަހަރު އޯބިޓާ ހިސާބަށް ދިއުމުގައި މިޕްރޮޓޮކޯލަށް އަމަކުކޮށްފައެއް ނުވެ އެވެ. މައިމޮޑިއުލް އޯބިޓަށް ވީއްލުމުގެ ކުރިން އުޅަނދުން ވަކިކޮށް ދޫކޮށްލަންޖެހޭ ބޫސްޓާ މޮޑިއުލްއާ އެކު ގޮސް އޯބިޓަަށް ވަނީ އެވެ.

އޯބިޓްގެ އެހިސާބުގައި ދަތުރުކުރަންޖެހޭ ބާރުމިނުގައި ހިފަހައްޓައިނުލެވި ބިމަށް ދަމަންފެށުމުން ކުރިން ރާވާފައި އޮތް ގޮތާ ޚިލާފަށް ކޮންޓްރޯލް ގެއްލި ދުނިޔެއަށް މިސްރާބުޖެހީ އެވެ. އެހިސާބުން އެއެތިގަނޑު ވެއްޓޭނެ ތަނަކާ މެދު ސައެންސްވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި އާންމުން ސަމާލުކަމަށް ގެނައީ އެވެ.

ބިމަށް ދަމައިގަތުމުން ވެސް ކަންތައް ވާނެ ކަމަށް ތަޖުރިބާކާރުން ބުނީ ވަައިގެ ތެރޭގައި ބޮޑުބައި އަނދާ ހުލިވާނީ ކަމަށެވެ. މަދުމިންވަރެއް ދުނިޔެއަށް ވެއްޓުނު ނަމަވެސް ވެއްޓޭނީ ކަނޑަށް ކަމަށެވެ. މީހުން ދިރުއުޅޭ ސަރަހައްދަކަށް ވެއްޓުން ވަރަށް ނާދިރު ކަމަށެވެ.

ޗައިނާ އިން މައުލޫމާތު އާންމުކުރީ ވަރަށް ފަހުން

ރޮކެޓްގެ ވެއްޓޭނެ ތަނަކާ ބެހޭ ގޮތުން ޗައިނާގެ ސްޕޭސް އެޑްމިނިސްޓްރޭޝަނުން މާގިނަ ވާހަކަތަކެއް ނުދައްކަ އެވެ. އެއްޗެކޭ ބުނީ ވެސް އާދީއްތަ ދުވަހު އެވެ. ބުނީ ރޮކެޓުން ވަކިވި ބައިތައް ދުނިޔޭގެ ވައިގެ ފަށަލާގައި މެޑިޓަރޭނިއަނާ ދިމާއިން ދަތުރުކުރަމުން ތިރިއަށް އެބަ އަންނަ ކަމަށެވެ. އަދި މެދުއިރުމައްޗާ ދިމާއިން ދިވެހިރާއްޖެއަށް މިސްރާބުޖަހައިފި ކަމަށެވެ. އެކަމަކު ވެސް ވެއްޓޭނީ ކޮންތަނަކަށް ކަމެއް ނުބުނެ އެވެ.

އެމެރިކާއާ ރަޝިއާ ހިމޭނުން

ޗައިނާއިން ރޮކެޓް ބިމުން އުދުއްސާލި ހިސާބުން އެމެރިކާއާ ރަޝިއާއިން އެޓްރެކްކުރާނެ އެވެ. ދަތުރުކުރަމުންދާ ދުވެއްޔާއި މިސްރާބު އަދި ވާނުވާ ބަލާނެ އެވެ. ކޮންޓްރޯލް ގެއްލި ބިމަށް ދަމައިގަތް ހިސާބުން ވެސް، އެއެތިގަނޑު ވެއްޓޭނެ ހިސާބަކާއި ތަނެއް އަންދާޒާކޮށް ވަރަށް ބޮޑަށް ސީދާކުރާނެ އެވެ. ދިވެހިރާއްޖޭގެ ރަށަކަށް ނުވެއްޓޭނެކަން ޔަގީނާ ގާތަށް ދެނެގަންނާނެ އެވެ.

އެމެރިކާގެ އެއާ ފޯސް ހަރަކާތްތެރިނުވީ ކީއްވެ

އެމެރިކާއާ ޗައިނާގެ ވާދަވެރިކަން ހުރިހާ ދިމާއެއްގައި ވެސް ވަރަށް ބޮޑެވެ. ޗައިނާއަށް ނުކުރެވުނު ކަމެއް އެމެރިކާއިން ކޮށްފައި މެޑަލްޖަހާލުމަށް ވެސް އެމެރިކާ އެދޭނެ އެވެ. އެމެރިކާއިން އެއްޗެއް ނުބުނެ އެހާ މަޑުން އޮތީ ރޮކެޓްގެ ބައިތައް ވެއްޓޭނެ ތަނެއް ކަށަވަރުވާތީ ކަމަށް ބެލެވެ އެވެ. މީހުން ދިރިއުޅޭ ސަރަހަދައްކަށް ރޮކެޓް ވެއްޓޭނެ ކަމަށް ބެލެވުނު ނަމަ އެމެރިކާ އެއާ ފޯސްއިން ވައިގެ ތެރޭގައި އެބައިތައް ގޮއްވާލައި ހުލިކޮށްލީހެވެ. އެކަމަކު މިއީ އެއްވެސް އެއްވެސް ގައުމަކުން އަދި ހާމަކުރިި މައުމޫމާތެއް ނޫނެވެ.

ނާސާއިން ނުރުހުން ޗައިނާއަށް

ނާސާއިން ބުނީ ޖައްވަށް ދަތުރުކުރާ ގައުމުތަކުން ތަންކޮޅެއް ޒިންމާދާރުވާ ޖެހިފައިވާ ކަމަށެވެ. ކޮންޓްރޯލްނުކުރެވޭ މޮޑިއުލްތައް ޖައްވަށް ފޮނުވައި އާންމު ޕްރޮޓޮކޯލް ދޫކޮށްލުމަކީ ބިރުބޮޑު ކަމެއް ކަމަށެވެ. ޗައިނާގެ ފަރާތުން މިފަދަ ކަންތައްތައް ތަންކޮޅެއް ގިނައިން ހިނގާ ކަމަށާއި ޖައްވަށް ފޮނުވާހާ ރޮކެޓެއް މީހުންގެ ބޮލަށް ވެއްޓުމަކީ މައްސަލައެއް ކަމަށެވެ. ނާސާއިން މިފުރުސަތު ބޭނުންކޮށްފައި ވަނީ ޗައިނާއިން ޖައްވުގައި ހޯދަމުން އަންން ކުރިއެރުންތަކަށް ހަސަދަފިލުވާލަން ލިބުނު ޗާންސެއް ގޮތުގަ އެވެ.