ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދު ސިޔާސީ ދާއިރާއިން ދުރަށް ދާން ނޭދެން: ނާޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ސަބަބުން ފަސްޖެހިވަޑައިގެން އެމަނިކުފާނު ސިޔާސި ދާއިރާއިން ދުރަށް ވަޑައިގަތުމަށް އާއިލާއިން ނޭދޭނެ ކަމަށް ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޕީއެސްއެމް އަސް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ޑރ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ މަސައްކަތަކީ އަދި ދާއިރާ އަކީ ވެސް ސިޔާސީ ދާއިރާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދަށް އަމާޒުކޮށް ބަޔަކު ހަމަލާއެއް ދިން ނަމަވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ދޫކޮށްލަން ޖެހޭ ކަމަށް އާއިލާއިން ނުދެކޭ ކަމަށެވެ.

"މެޗް ބޮޑުވި ވަރަކަށް ތްރެޓުވެސް އަދި ކޮމްޕެޓިޝަން ވެސް ބޮޑުވާނެތާ. އެއީ މަސައްކަތް ދޫކޮށްލަން ޖެހޭ ސަބަބެއް ކަމަކަށް އާއިލާއިން ނުދެކެން" ޑރ. ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާގެ ކުރިން ވެސް ރައީސް ނަޝީދަށް ކުރިމަތިވާ ނުރައްކާތަކާއި ދެމުންދިޔަ އިންޒާރުތައް އިތުރުވަމުން ދިޔަ ކަމަށާއި އެކަމުގެ މައުލޫމާތު އާއިލާއާ ހިއްސާ ވެސް ކުރެއްވި ކަމަށެވެ.

"އަބަދު ވެސް ތްރެޓެއް އޮވޭ. އެ ތުރެޓް ބޮޑުވަމުން އަންނަނީ. މިދިޔަ ހަފްތާ ތެރޭ ތްރެޓް ލެވެލް ބޮޑުވާ ކަމަށް ބުނެ ޑީޓެއިލްކޮށް ވަރަށް ބޮޑަށް އެވާހަކަ ދެކެވުނު،" ނާޝިދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް އޭރަކު ނޭނގޭ ވާހަކައިގެ ސީރިއަސް މިންވަރެއް. މިހާރު މި އެނގުނީ،" އިތުރަށް ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ އާއިލާގެ ފަރާތުން ރައީސް ނަޝީދަށް ސެކިއުރިޓީގެ ގޮތުގައި ދެވޭނެ އެހީތެރިކަމެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ކަންބޮޑުވާ ކަމެއް ހިއްސާ ކުރެއްވުމުން އެކަމަކަށް ތައްޔާރުވެ އެކަމެއްގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ރައީސް ނަޝީދުގެ ސާޖަރީތައް ހަދަމުން ދިޔައިރު ކޮންމެ 30 މިނެޓަކުން އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭގޮތުން އާއިލާ އަށް ޑޮކްޓަރުން މައުލޫމާތު ހިއްސާކުރަމުން ގެންގޮސްފައިވެ އެވެ. އަދި ފަރުވާ ދިނުމަށް ކުރާނެ ކަންކަމާއި ހޭދަވާނެ ވަގުތާއި ބޭނުންކުރާނެ އާލާތްތަކަށް ދަންދެން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެހެންކަމުން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ މަސައްކަތާ މެދު ރައީސް ނަޝީދުގެ އާއިލާ އިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

ނާޝިދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނު ވަގުތު އަނިޔާ އަންދާޒާ ކޮށްލަން ވެސް އެނގިވަޑައިނުގެންނެވި ކަމަށެވެ. އެކަމަކު އޭރު މާބޮޑު އަނިޔާތަކެއް ލިބޭނެ ކަމަށް ކުރިން ލަފާ ކުރެވިފައެއް ނުވެ އެވެ.

ޑރ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އެންމެ ފުރަތަމަ ޑޮކްޓަރުންގެ ފަރާތުން މައުލޫމާތެއް ލިބުނީ ހަމަލާ ދިން ރޭގެ މެންދަމު 1:00 ޖެހި ފަހުން ކަމަށެވެ. ލިބިފައިވާ އަނިޔާތަކުގެ ބޮޑުކަން އެވަގުތު އިހްސާސް ކުރެވުނު ކަމުގައިވެސް ވިދާޅުވި އެވެ. އެންމެ އުދަނގޫވީ ރައީސް ނަޝީދުގެ ހަށިކޮޅަށް ރޭޒާ ފުއްތައް ވަދެފައިވާ ގޮތުގެ ވާހަކަ ކިޔައިދިން ވަގުތު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ރޭޒާ ފުށެއް ވަނީމާ ވާނެ ގެއްލުމާއި ތަދު. އަޅުގަނޑު މިއީ ރޭޒާ ފުށް ގެންގުޅޭ މީހެއް. އެހެންވެ އޭގެން ލިބޭނެ އަނިޔާގެ ވާހަކަ އިތުރަށް ދައްކަންވެސް އަޅުގަނޑު ބޭނުމެއް ނޫން،" ވާހަކަދައްކަވަން ކުޑަކޮށް އުދަނގޫވެފައި އިންނަވައިގެން ނާޝިދު ވިދާޅުވި އެވެ.

ޑޮކްޓަރުން އުއްމީދު ކުރި ވަރަށް ވުރެ އަވަހަށް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނާތީ އާއިލާ އިން ތިބީ ހިތްހަމަޖެހިފަ އެވެ. ޑރ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދަށް ފަރުވާ ކުރެއްވީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި ޑޮކްޓަރުންގެ ހިދުމަތާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް އެމަނިކުފާނު ގެންދަވަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.