(7 މޭ 2021 އާ ގުޅޭ)
އައިޝާ ބަލައިލީ ނާއިކުގެ މޫނަށެވެ. ނާއިކު ރޮމުން ގެންދާ މަންޒަރު ބަލަން އައިޝާއަށް ފަސޭހަ އެއް ނުވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ، އައިޝާ ހަމަ އިނީއެވެ. ނާއިކުގެ ގާތުގައި، ނާއިކުގެ ވާހަކަތައް އަޑު އަހަން އިންނަން ވެސް އައިޝާ އެހާ ބޭނުމެއް ނޫނެވެ. ނަމަވެސް ނާއިކު ކުރި އާދޭހުން ނާއިކުގެ ވާހަކަތައް އަޑު އަހައިލަން އައިޝާ މަޑުކޮށްލީއެވެ.
"އަހަރެން ބޭނުމެއް ނޫން އާޝާއާ ވަކިވާކަށް. އަހަރެން ބޭނުން އަބަދުވެސް އާޝާއާ އެކު ދިރިއުޅެން. އަހަރެން ވަރަށް ލޯބިވޭ އާޝާ ދެކެ. ހަމަ ހުވާ!" ނާއިކު ގެންދިޔައީ ރޮމުންނެވެ.
"ތިވާ ލޯބި އަހަންނަށް އެނގެއްޖޭ މިހާރު. ލޯބިވި ލެއް ބޮޑު ކަމުން ދޯ އެހެން މީހެއް ދެކެ ލޯބި ވެގެން އުޅޭނީ. އަހަރެން ނާއިކަށް ހާދަ އިތުބާރެއް ކުރީމޭ. އެކަމު، ތިހުރީ ނާއިކު ކަންތައް ކުރި ގޮތް. ވިސްނާލަ ބަލަ!" އައިޝާގެ ލޮލުން ވެސް ކަރުނަތައް ދިޔައީ ފައިބަމުންނެވެ.
"ޕްލީޒް! އާދެސް ކޮށްފަ މި ބުނީ. ހަމަ އެންމެ ޗާންސެއް ދީ.. އަހަރެންގެ ފަރާތުން ދެން މިފަދަ ކަމެއް ތަކުރާރެެއް ނުވާނެ. އަހަރެން ބޭނުމެއް ނޫން ދުންޔާއާ ވަކިވާކަށް. އަދި އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅާ ވަކިވާކަށް ވެސް. ޕްލީޒް އާޝާ." ނާއިކުގެ އާދޭސް ތަކަަށް މުޅިން ބީރު ކަންފަތެއް ދޭނެ ހިތްވަރެއް ޙަޤީޤަތުގައި އައިޝާގެ ނެތެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ނާއިކު ދެކެ އައިޝާ ވަރަށް ލޯބިވެއެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކީ އިރުވެސް، ނާއިކުގެ އާދޭސްތަކަށް ނިމުމެއް ނައެވެ. ހުއްޓައި ނުލައި ނާއިކުގެ އާދޭސްތައް އޭނާ ގެންދިޔައީ އައިޝާގެ ގާތުގައި އިނދެ، ބަންޑުން ކުރަމުންނެވެ. ވިސްނައި ލާނީ ކަމަށް ބުނެ، އެންމެ ފަހުން އައިޝާ ކޮޓަރިން ނުކުތީއެވެ.
***
"އަހަރެން މިދަނީ ޑިއުޓީއަށް.. ބަލައިގެން އުޅެއްޗޭ ޖަނާ!" ލަބީބު ކޮޓަރިން ނުކުންނަމުން، ޖަންނަތުގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހައިލަމުން، ޖަންނަތު ހިނިތުންވެލިއެވެ.
ލަބީބު ކޮޓަރިން ނުކުތުމާ އެކު، ޖަންނަތަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. ރޭގަ ޒަހީނާ އެކު ފޯނުން ދެކެވެނު ވާހަކަތަކުން އަދިވެސް ޖަންނަތު ހުރީ ހަމަޖެހިފައެއް ނޫނެވެ. ޖަންނަތުގެ ހިތަށާއި މެޔަށް ދިޔައީ ވަރަށް ބޮޑަށް ތުރާ ތަކާއި އުނދަގޫތައް އިޙްސާސް ވަމުންނެވެ. ކޮޓަރީގެ ދެކޮޅަށް ޖަންނަތު ހިނގަމުން ދިޔަ އިރު އޭނާގެ ހިތް ދިޔައީ އަވަސް ވަމުންނެވެ.
"އަހަރެން މި އުޅެނީ އަހަރެން ބޭނުންވާ ފަދަ ދިރިއުޅުމެއްގަ ތަ؟ އަހަރެން ލޯބި ވޭތަ ލަބީބު ދެކެ؟ ނޫން! އަހަރެން ނުވޭ ލަބީބު ދެކެ ލޯތްބެއް. ލަބީބަކީ ރަނގަޅު މީހެއް. އެކަމު އެއީ އަހަރެންގެ ސްޓައިލެއް ނޫން. އަހަރެންގެ އަސްލު ނޫން ސިފައެއް ދައްކައިގެން އަހަރެން މި ކުރާ ކަމަކީ އަހަރެންގެ އަބުރު ރައްކާތެރި ކުރުން."
"މި ކަމުން އަހަރެން ސަލާމަތް ވާން އަދި ލަހެއް ނޫނެއްނު؟" އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ޖަންނަތު ގެންދިޔައެވެ.
"މި ދަރި އަކާ ހުރެ އަހަރެންނަށް ވަރަށް ތަކުލީފުތައް އެބަ ޖެހޭ. އެއް ކޮޅުން ޒަހީީން ހުންނަނީ ފިއްތާފަ. އެއްވެސް ހަމަޖެހުމެއް ނުލިބޭ. އަހަރެންގެ އަސްލާ އިނދިކޮޅަށް އަހަރެން ލަބީބާ އެކު ދިރިއުޅޭ އިރު ވެސް، އަހަރެންގެ ހިތަށް ޙަޤީޤީ ހިތްހަމަ ޖެހުމެއް ނުލިބޭ. ޒަހީން އަހަރެން ބަދުނާމު ކޮށްލާފާނެ ކޮންމެ ވަގުތަކު ވެސް.. އެހެންވީމަ." ޖަންނަތު އަމިއްލައަށް ގެންދިޔައީ ވަމުންދާ ގޮތް އޭނާގެ އަމިއްލަ ނަފުސާ ޙިއްޞާކުރަމުންނެވެ.
"ޓޮއް. ޓޮއް." ދޮރުގައި ޓަކި ދޭން ފެށި އަޑަށް އައިޝާ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރު ކުރިމަތީގައި ހުރީ ރީޝާއެވެ. ރީޝާގެ ގާތުގައި އޭނާގެ ކޮއްކޮ ރިފާދު ވެސް ހުއްޓެވެ.
"ރީޝާ. އަވަހަށް ވަދޭ! ދެ ކުދިން ވަދޭ!" ރީޝާ އާއި ރިފާދަށް ބަލައިލަމުން އައިިޝާ ހީނލިއެވެ.
"މި އައީ ރިފާދު ކޮއްކޮ ވެސް ގޮވައިގެން. އައިޝާ، ކޮއްކޮ ހޯދީމަ. ހެހެ." ރީޝާ އާއި ރިފާދު ގެއަށް ވަދެގެން އައިސް ސޯފާގައި އިށީންނެވެ. ސޯފާގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު، ރީޝާ ފުރަތަމަ ވެސް ބަލައިލީ އައިޝާގެ މޫނާއި ދެލޮލަށެވެ. އެ މޫނު މަތިން ފެންނަ ގިލަންވެރިކަން ރީޝާއަށް އެއްވެސް ޙާލެއްގައި ސިއްރެއް ނުވިއެވެ. ނަމަވެސް އެ ސުވާލު އަހަން ރީޝާ ފަސް ޖެހުނީ، އޭނާގެ ގާތުގައި ރިފާދު ވެސް އިނީމައެވެ.
***
ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔަ ޖަންނަތުގެ ސިކުނޑި ފުނި ޖެހެމުން ދިޔައީ އެކި އެކި ޚިޔާލުތަކުންނެވެ. އެއްވެސް ވަރަކަށް އޭނާގެ ސިކުނޑީގައި ހަމަޖެހުމެއް ނެތެވެ. ކުއްލިއަކަށް ހުރެފައި ޖަންނަތުގެ ދޫ ހަރަކާތްކޮށްލިއެވެ.
"އާނ! ދަރި ވައްޓާލާނީ.." ޖަންނަތު އެހެން ބުނެލުމަށްފަހު، އޭނާ ގޮސް ހުއްޓުނީ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައެވެ. އަދި ޖަންނަތު ލޯގަނޑުން އޭނާގެ ސޫރަ ބަަލައިލިއެވެ. ހިތް އެދުނު ގޮތަށް އަމަލު ކުރަން ޖަންނަތުގެ ހިތުގައި ބިރުވެރިކަން އޮތަސް، ޖަންނަތުގެ ޝަމީރު ދަރި ވައްޓައިލަން ބޭނުން ވެފައިވާ ފަދައެވެ.
***
"އަހަރެން ވަރަށް އުފާވެއްޖެ ރީޝާ އައީމަ. އަދި ރިފާދު ވެސް ގޮވައިގެން ވިއްޔާ ތި އައީ. އެނގޭ ދޯ އަހަރެން މީ ކާކުކަން؟" އައިޝާ ވާހަކަދައްކަމުން ދިޔައީ ގަދަކަމުން ހިނިތުންވެގެން އިނދެއެވެ. އެކަން ރީޝާއަށް ދިޔައީ ރޭކައިލަމުންނެވެ.
"އާނ. އެނގޭ. ސިސް ވަރަށް ކިޔާނެ. އައިޝާ ރަނގަޅު ވާހަކަ. އަހަރެން އަބަދު ގޭގަ އޮންނާތީ އެކަމަށް ވެސް ވަރަށް ޖޯކު ޖަހާނެ. ދެން ހިތަށް އެރީ މި ގެއަށް އައިސްލާނީ އޭ.." ރިފާދުގެ ފަރާތުން ފެންނަން ހުރީ ލުއި ހިނިތުންވުމެކެވެ.
"ކޮބާ ނާއިކު؟ އޮފީހުގަ ދޯ؟" ރީޝާ އެހެން އަހައިލީ އައިޝާއަށް ބަލަން އިނދެފައެވެ. ޖަވާބުގައި އައިޝާ ހަމަ އެކަނި ހީނލީއެވެ. އިތުރު އެއްޗެއް ނުބުނެއެވެ. ނާއިކު މިއަދު އޮފީހަކަށް ނުދެއެވެ. ރޭގަ ކަންތައް ވީ ގޮތުން ނާއިކު އަދި ކޮޓަރިން ނުނިކުންނަނީއެވެ.
އައިޝާ އާއި ރީޝާ ވާހަކަދައްކަމުން ދިޔައިރު، ރިފާދު ވެސް ދިޔައީ އެ މީހުންގެ ވާހަކަތަކުގައި ބައިވެރިވަމުންނެވެ. ބޭރު ތެރެއިން ދައްކަމުންދާ ވާހަކަތައް ކޮޓަރީގައި އިން ނާއިކުގެ ކަންފަތުގައި ދިޔައީ ޖެހެމުންނެވެ. އަދިވެސް ނާއިކުގެ ދެލޮލުން ކަރުނަ ހުސް ނުވާ ކަހަލައެވެ. ނާއިކުގެ އުޅުމުން ކުޑަ މިންވަރެއް އައިޝާއަށް އެނގުމުން، އެކަމާ ނާއިކު ވަނީ ވަރަށް ބޮޑަށް ބޯ ގޮވައިިފައެވެ. އަދި އެހާމެ ދެރަވެފައެވެ. ކޮންމެ ގޮތަކަށް ނާއިކު އުޅުނަސް، އައިޝާއާ ވަކިވާކަށް އެއީ ނާއިކުގެ ހިތް ދުވަހަކުވެސް ރުހޭނެ ކަމެއް ނޫނެވެ.
އަނެއްކާ ވެސް ފުންކޮށް ނޭވާއެއް ލަމުން، ޖަންނަތު ހިނގަން ފެށީ ކޮޓަރިތެރޭގައެވެ. ހިތަށް އައި ކަންތަކުގެ ބޮޑު ކަމުންނެވެ. އިތުރަށް އެކަމާ މެދު ވިސްނަން އޭނާ ބޭނުން ވާތީއެވެ.
"އަހަރެން މި ދަރިފުޅު ދުނިޔެއަށް އުފަން ކުރިޔަސް، ޒަހީން އަހަރެން ބޭޒާރުކޮށްލާނެ. އެދުވަހަކުން ލަބީބު ވެސް އަހަރެން ކޮށްލާނީ ފަޟީހަތް. އޭރުން މަންމަ ވެސް ރުޅި އަންނާނީ އަހަރެން ދެކެ. އަހަރެން ވާނީ މަގުމަތި. އެޔަށްވުރެ ބޮޑަށް ރަނގަޅު ވާނެ، މިހާރު މިކަމަށް އަވަސް ފިޔަވަޅެއް އެޅިއްޔާ." ޖަންނަތު އެހެން ބުނެ، ފޯނު ނެގިއެވެ.
"ރާފިލް.." ޖަންނަތުގެ ދުލު ކުރިން ދުވެލީ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ އޭނާގެ ގާތް ރަޙުމަތްތެރިޔާގެ ނަމެވެ. ޖަންނަތު ލަސްކުރާކަށް ބޭނުމެއްް ނުވިއެވެ. ވަރަށް އަވަހަށް ގުޅައިލީ ރާފިލަށެވެ. ދަރި ވައްޓައިލަން ބޭސް ހޯދޭނެ ގޮތެއް ބަލާށެވެ. (ނުނިމޭ)