އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީ ލިސްޓްގައި ހިމެނޭ މީހުންގެ ނަންތައް މިވަގުތު ހާމަކުރުން ރަނގަޅެއް ނޫން: ލަތީފް

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު މިވަގުތު ހާމަކުރުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމެޓީ ގުޅިގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަން އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކޮމެޓީއަށް ފޮނުވި ސިޓީގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކާ މެދު ޖިނާއީ ގޮތުން ދައުވާ ކުރެވޭނީ އިތުރު ތަހުގީގުތައް ފުރިހަމަ ކުރުމަށްފަހު ކަަމަށް ސިޓީގައި ބުނެފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ މިވަގުތު އެސެޓް ރިކަވަަރީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކޮމިޝަންގެ ލިސްޓްގައި ހިމެނޭ ނަންތައް މިވަގުތު ހާމަކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލަ ދިރާސާކުރުމަށް ފަހު ނަންތައް ހާމަކުރަން ދެކޮޅު ނޫން ކަމަށާއި އެކަމަކު މިވަގުތު ނަންތައް ހާމަކުރުމަކީ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެންދާނެ ކަމެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރަން މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލަމުންދާތީވެސް މެމްބަރު ހަސަން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ އެއީ މިވަގުތު އެއްގޮތަކަށް ވެސް ކުރުން ރަނގަޅުކަމެއް ނޫން ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓްގައި ހިމެނޭ މީހުންގެ ނަންތަކާއެކު އެ މީހުންނަށް ފައިސާ ލިބުނުކަމުގެ ބޭންކް ސްޓޭޓްމަންޓް ފަދަ ހެކިތައް ހުށަހަޅާފައިވެ އެވެ. ނަމަވެސް ލިސްޓުގައި ހިމެނޭ މީހުންގެ މައްސަލަތަކަކީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކަކަށް ވާތީ އެ ނަންތައް ސިއްރު ކުރުމަށްވެސް ކޮމިޝަނުން އެދިފައިވެ އެވެ.

ކޮމިޝަންގެ ސިޓީއާ ގުޅިގެން ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހްމީ ހުށަހެޅުއްވީ ކޮމިޓީ ސިއްރު ކުރުމަށެވެ. އެ ހުށަހެޅުމަށް ހަސަން ލަތީފް ތާއީދުކޮށް، ފަހުން ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް އަޑު ފެތުރިފައިވާ ބޭފުޅުން ތެރޭގައި މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންގެ އިތުރުން މިހާރާއި އަދި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންވެސް ހިމެނެ އެވެ. ހިޔާނަތުގެ ފައިސާ ލިބުނު ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.