ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރާވަޑައިގެންނެވި މައްސަލާގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާލަން އަދި ގާތް ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ މިހެން ވިދާޅުވީ ދައުވާ އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އޭނާގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން އިއްޔެ ތާއީދުކުރުމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނެވުމާ ގުޅިގެން އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެ މައްސަލަ އިތުރަށް ދެން ކުރިއަށް ގެންދެވިދާނެތޯ ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި އަދި ގޮތް ހުސްވާން ކައިރި ނުވާ ކަމަށެވެ.
"މައްސަލަ ކުރިއަށް ގެންދިއުމަށް އެއް ގޮތް ނެތިއްޔާ ގާނޫނީ އެހެން މަގެއް ވެސް ހޯދޭނެ. މި މަސައްކަތް ހުއްޓާލާ ގޮތަކަށް ވެސް ނޫން މިހުރީ،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބުނާ ބަޔަކު ތިބި ކަމަށްވާތީ އެ މީހުންނަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން އަލީ ވަހީދުގެ މައްސަލާގައި ދެން އަމަލު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އަލީ ވަހީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް އިހްތިރާމު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އޭނާގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އަލީ ވަހީދުގެ އެޑްރެހާއި އީމެއިލް ކަމަށް ބުނެ ޖަހާފައިވާ އެއްވެސް އެއްޗަކުން އޭނާ އާއި މުއާމަލާތު ކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކި ތަނެއް ވެސް ދައުލަތަށް އޮޅުންފިލުވައި ދެވިފައި ނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެކަން މުރާޖާ ކުރުުމަށްފަހު އެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ޝަރީއަތުގެ މަޖިލީހެއް ބާއްވައިގެން ނޫނެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ދައުލަތާ ދެކޮޅަށް އައިސްފައި ވަނީ ޖިނާއީ ދައުވާތަކުގައި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމަކާ ހަވާލާ ދިނުމަށް ފަހު އެވެ.
ނިންމުމުގައި ބުނެފައިވަނީ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަކީ ދައުވާ ލިބޭ މީހާ އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގާއި އެމީހަކު އިހްތިޔާރު ކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދިނުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ހައްގު ގެއްލޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން އެކަމުގެ ހުއްދަ ދީގެން ކަމަށްވެސް ނިންމުމުގައި ބުނެފައިވެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީ އަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.
އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ.
އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެ އަމުރު ނެރުއްވީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވުމުންނެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން މީޑިއާގައި ރިޕޯޓް ކޮށްފައިވީ ނަމަވެސް ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ. ހަތަރު މަސް ކަމަށް ބުނެފައިވަނީ އަސްއަދު ޖާމިނުވެފައިވާ ލިޔުމުގައި ކަމަށްވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓްގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފަ އެވެ.
ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން އަމުރު ނެރުނު މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ދައުލަތުން އެ އަމުރު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅީ އަމުރު ނެރުނުތާ 48 ގަޑިއިރު ފަހުންނެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާ މެދު އެހިސާބުން ޕީޖީ އޮފީހުން ސުވާލު އުފެއްދި އެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ.
ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ ފެބްރުއަރީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.
އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާގެ މައްޗަށް ގިނަ ދަައުވާތަކެއް އުފުލާފައިވެ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް
- އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިހާރު ދަނީ ބަލަމުންނެވެ.