ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އައިއެންއައިއޭގައި އިތުރު 20 ޕްރައިވެޓް ޖެޓް ޖެއްސޭނެ ޖާގަ ހަދައިފި

  • އޭޕްރޮންވަނީ 350 މީޓަރު ދިގުކޮށް، 75 މީޓަރު ފުޅާކޮށްފައި
  • ބޮޑު ކުރުމުގެ 777 ގެ ތިން ބޯޓް ބޭއްވޭނެ
  • ރަންވޭ ރީސާފޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގެ އޭޕްރޮން ބޮޑުކޮށް، އިތުރު 20 ޕްރައިވެޓް ޖެޓް ޖެއްސޭ ވަރަށް ޖާގަ ހަދައިފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު، އެއާޕޯޓް ތަރައްގީ ކުރުމަށް ފެށި މަސައްކަތުގެ ދަށުން އެއާޕޯޓްގ ޕާކިން ސްޕޭސް ބޮޑުކޮށް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

"އަލަށް އަންނަ ޑިމާންޑުގައި ޕާކިން ސްޕޭސް ނުވަތަ އިންތިޒާމު މިވަނީ ހެދިފައި. މިކަން މިވެގެން ދިޔައީ ރައީސް ޔާމީންގެ ޒައާމަތުގައި. އެނގިވަޑައިގަންނަވާނެ މީގެ ކުރިން ޕާކިން ސްޕޭސް ނުލިިބިގެން ޕްރައިވެޓް ޖެޓް އެބަހުރި އަވަށްޓެރި ގައުމުތަކަށް ޑައިވާޓްކޮށްފަ. އެއީ ގެއްލޭ ވިޔަފާރި،" ސައީދު ވިދާޅުވި އެވެ.

އައިއެންއައިއޭގެ އަލަށް ހެދި އެޕްރޮންއަކީ 350 މީޓަރާއި 75 މީޓަރު ހުރެ އެވެ. އަލަށް ބޮޑުކުރި ބައިގައި 777 ގެ ހަތަރު ބޯޓު އެއް ފަހަރާ ޕާކު ކޮށްފައި ބާއްވާނެ ޖާގަ އޮވެ އެވެ.

މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެއާޕޯޓް އެކްސްޕެންޝަންގެ ދަށުން އާ ޓާމިނަލް ހެދުމަށްޓަކައި މިހާރުގެ ޓާމިނަލް ސަރަހައްދުގައި ހުރި ބައެއް އިމާރާތްތައް އެއާޕޯޓް އިރުމަތީ ފަރާތަށް ބަދަލު ކުރަމުންދާ ކަމަށެވެ.

"އާ ޓާމިނަލްގެ ކުރެހުން މިވަނީ ނިމިފައި. މިހާރު އެދަނީ ފައިނޭންޝަލް ފެސިލިޓީ ހޯދުމުގެ މަސައްކަތް ކުރަމުން. ދެން ހުރި މަސައްކަތްވެސް ކޮންޓްރެކްޓް ކުރެވިފައި. މި އަހަރުގެ ކުރިއަށް އޮތް ދުވަސްކޮޅާއި އަންނަ އަހަރުގެ ޖެނުއަރީ ހިސާބު ފެށޭނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުގެ ރަންވޭ ރީސާފޭސް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށާއި، ނަމަވެސް މިއީ މީގެ ކުރިން ކުރެވުނު މަސައްކަތް ތަކެއް ނޫން ކަމަށެވެ.

"ރީޖަނަލް އެއާޕޯޓްގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަރަމުން ދަނީ،" ސައީދު ވިދާޅުވި އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން، ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރެވެ އެވެ. ރަންވޭ ރީ ސާފޭސް ކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ހަރަދު ކުރެ އެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނުންނެވެ.