ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހުޅުމާލެއަށް ގެންދިޔައީ ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަނުން މިހެން ބުނެފައި މިވަނީ ރައީސް ޔާމީންގެ ދަރިކަނބަލުން ގާދާ އަބްދުﷲ ޔާމީން ހުޅުމާލޭގައި ދިރިއުޅުއްވާ އެޕާޓްމަންޓަށް ރައީސް ޔާމީން މިރޭ ވަޑައިގެންފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުންނެވެ.
ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރައީސް ޔާމީން ހުޅުމާލެއަށް ގެންދިޔައީ ކޮވިޑްގެ ދެވަނަ ޑޯޒް ޖެހުމަށް ކަމަށެވެ.
އެމަނިކުފާނު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 9:30 ގައެވެ. އަދި މިހާރު ވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް އަނބުރާ ގެނެސްފަ އެވެ.
މާފުށީގައި ކޮވިޑް ފެތުރި ޖަލު އޮފިސަރުންނާއި ބައެއް ގައިދީންވެސް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހުގެ ރެ އެވެ.
ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހު އެވެ. އެމަނިިކުފާނު ޖެހީ ފައިޒާ ވެކްސިނެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެހުމަށް މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ވެސް ރައީސް ޔާމީން މާލެ ގެނެސްފައިވެ އެވެ. ނަމަވެސް އެރޭ އެމަނިކުފާނު ވެކްސިން ޖެހުމަށް ދެކޮޅު ހެދުމުން އަނބުރާ ޖަލަށް ގެންދިޔައީ އެވެ.