ނަޝީދަށް އަމާޒު ކުރި ހަމަލަ

މެއި ހައެއްގެ ހަމަލާ: ފަސް ދުވަހަށް ފަހު ސަރަހައްދު ހުޅުވާލައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތަހުގީގަށްޓަކައި ބަންދުކުރި ސަރަހައްދު ފަސް ދުވަސް ފަހުން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ދީފައިވަނީ މަޖީދީމަގާއި ކެނެރީގޯޅި ގުޅޭ ހިސާބުންނެވެ. ހަމަލާއާ ގުޅިގެން ބޮޑު ސަރަހައްދެއް ބަންދުކޮށް ފުލުހުން ގެންދިޔައީ ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެސިސްޓެންސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ ތަހުގީގަށް ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވާލީ ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު އަދި ނަގަން ޖެހޭ ހުރިހާ ސާމްޕަލްތަކެއް ނެގުމަށް ފަހު ކަމަށެވެ.

ރިޔާޒު ވިދާޅުވީ ހަމަލާ ދިނުމުގައި ބޭނުންކުރި ރޭޒާ ފުއްތައް އެ ސަރަހައްދުގައި ހުރި ބައެއް ގޭގެއަށްވެސް އަމާޒުވެފައިވާތީ ރޭޒާ ފުއްތައް ފެނިގެން ބައެއް ގޭގެއިން ގުޅުމުން އެކަމަށް އެޓެންޑް ކޮށްފަައިވާ ކަމަށެވެ. އަދި ހަމަލާއާ ގުޅުންހުރި އެއްޗެއް ފެނިއްޖެނަމަ ފުލުހަށް ރިޕޯޓް ކުރަމުން ގެންދިއުމަށް ވަނީ އެދިފައެވެ.

ފުލުހުން މީގެ ކުރީންވެސް ވަނީ ހަމަލާދިން މަންޒަރުގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލިބިފައިވާނަމަ ނުވަތަ އެކަމާއި ގުޅުންހުރި އެއްވެސް އެއްޗެއްގެ މައުލޫމާތެއް ހުރިނަމަވެސް ފުލުހުންގެ ހާއްސަ ޕޯޓަލްއަށް ފޮނުވައި ދިނުމަށް އެދިފައެވެ.

ރިޔާޒު ވިދާޅުވީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުން ގުޅިގެން ހިންގަން ޖެހޭ ތަހުގީގުތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.