ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ތަހުގީގަށް ކުރިއެރުން ލިބެމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފަށާފައިވާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެސިސެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ ބޭރުގެ ތަހުގީގީ އިދާރާތަކާއި ގުޅިގެން ފަށާފައިވާ ތަހުގީގަކީ ވަރަށް ބޮޑު ތަހުގީގެއް ކަމަށާ ފުރިހަމަ ތަހުގީގަކަށް ފަހު ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ފުލުހުން ކުރާނެ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުރަތަމަވެސް ފެށީ މިއީ ދެތިން މީހެއްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ބަލައިގެން ނޫން ކަމަށާ ތަހުގީގު ކުރިއަށް ދަނީ މިހާރު ހައްޔަރުކުރެވިފައިވާ މީހުންގެ އިތުުރުން އިތުރު ބައެއްގެ ބައިވެރިވުންވެސް އޮންނާނެ ކަމަށް ބަލައިގެން ކަމަށެވެ.
"ހުޅުވާލެވިފައިވާ ތަހުގީގެއް މިއީ. މި މައްސަލައާ ގުޅިގެން ވަށައިގެންވާ ހުރިހާ ކަމަކަށް ބެލޭނެ،"
ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އެ މީހުން މިވަގުތު ތިބީ 15 ދުވަހުގެ ބަންދެއްގައެވެ.
ރިޔާޒު ވިދާޅުވީ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ ނަމަވެސް ތަހުގީގު އޮތީ އަދި ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށެވެ. އެހެން ކަމުން ތަހުގީގާ ގުޅޭ ގިނަ މައުލޫމާތުތައް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އޮތް ނަމަވެސް ކޮންމެ މީހަކަށްވެސް ގާނޫނީ ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އަދި ތަހުގީގު ހިނގަމުންދަނީ ޖިނާއީ އިޖުރާތުގެ ގާނޫނާއި އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅުންހުރި ވަރަށް ތަފްސީލު މައުލޫމާތުތައް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި ގޮއްވާލުމުގެ ކުރީން އަދުހަމުގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ސީސީޓީވީ ފްޓޭޖަކާއި ގޮއްވާލުމަށް ފަހު އޭނާ އެކި މަގުތަކުން ހިނގާފައިދާ މަންޒަރުތައް ވަނީ ދައްކާފައެވެ.